ހަބަރު

ޢާއްމު ތަންތަން ދިއްލުމަށް ކައުންސިލްތަކަށް ޑޮމެސްޓިކް ރޭޓުން ބިލް ކުރަން ނިންމައިފި

ޢާއްމު ތަންތަން ދިއްލުމަށް ކައުންސިލްތަކަށް ޑޮމެސްޓިކް ރޭޓުން ބިލް ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމައިފިއެވެ.

ރައީސް މުއިއްޒު ދެންމެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލާމަރުކަޒީ ނިޒާމު އިތުރަށް ތަރައްޤީ ކުރުމަށް ކުރެވޭ ކަންކަމުގެ ތެރެއިން، ޖެނުއަރީ 1، 2026 އިން ފެށިގެން، ރާއްޖޭގެ ހުރިހާ ސިޓިތަކާއި ރަށްރަށުގައި މަގުތަކާއި ޢާއްމު ތަންތަން ދިއްލުމަށް ކައުންސިލް ތަކަށް ފެނަކަ އާއި ސްޓެލްކޯ އިން ބިލް ކުރާނީ ޑޮމެސްޓިކް ރޭޓުން ކަމަށެވެ. ނަތީޖާއެއްގެ ގޮތުން މުނިސިޕަލް އެހެން ޚިދުމަތްތަކަށް ޚަރަދު ކުރަން ލިބޭ ޢަދަދު ބޮޑުވެގެންދާނެ ކަމށް ރައީސް ވިދާޅުވިއެވެ.

ޢާއްމު ތަންތަން ދިއްލުމަށް ކައުންސިލްތަކުން ވިޔަފާރި ރޭޓްގައި ބިލް ކުރަން ޖެހުމަކީ ކައުންސިލްތަކުގެ ޒަމާންވީ ބޮޑު ޝަކުވާއެކެވެ.

ޢާއްމު ތަންތަން ދިއްލުމަށް ކައުންސިލްތަކަށް ޑޮމެސްޓިކް ރޭޓުން ބިލް ކުރަން ރައީސް ނިންމެވިއިރު މިއީ ހަތަރު ދުވަސްތެރޭގައި ކައުންސިލްތަކާއި ގުޅޭ ގޮތުން ރައީސް ނިންމެވި މުހިއްމު ހަތަރުވަނަ ނިންމެވުމެވެ.

މިމަހުގެ ފަސްވަނަ ދުވަހު ރައީސް ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އިތުރަށް ބާރުވެރި ކުރުވުމަށްޓަކައި، 2026 ވަނަ އަހަރަށް ބަޖެޓު ހުށަހެޅުމުގެ ކުރިން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބަޖެޓުގެ ގޮތުގައި، ކައުންސިލްގެ ބަޖެޓުން ދެމުން ގެންދާ %5 ދެގުނަ ބޮޑުކޮށް، %10 އަށް ބަދަލުކުރުން ނިންމާފައެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ދޭ ރަމަޟާން މަހުގެ އެލަވަންސް، އެ ކޮމިޓީގެ ބަޖެޓުން ދިނުމުގެ ބަދަލުގައި ކައުންސިލްގެ ބަޖެޓުގެ ތެރެއިން ހަމަޖެއްސުމަށް ވެސް ނިންމަވާފައެވެ.

އޭގެ އިތުރުން ދިވެހިރާއްޖެހޭ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 79 ވަނަ މާއްދާގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ ޢާންމު ހިލޭ އެހީގެ ފައިސާ (ބްލޮކް ގްރާންޓް) ގެ ފިސްކަލް ފޯރމިއުލާ މިހާރު ކަނޑައަޅުއްވާފައިވާ ގޮތުން، އެ ކައުންސިލްތަކަށް ގެއްލުން ވާތީ ފިސްކަލް ފޯރމިއުލާ މުރާޖާކުރުމުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭ ގޮތަށް ބަދަލުކޮށް، 2026 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު މި ބަދަލާ އެކު ހުށަހެޅުމަށް ވާނީ ނިންމާފައެވެ.

މިގޮތައް ނިންމީ ބްލޮކް ގްރާޓް ފޯރުކޮށްދިނުމަށްޓަކައި ކަނޑައަޅުއްވާފައިވާ ފިސްކަލް ފޯރމިއުލާ ގައިވާ ގޮތުން އާބާދީ ކުޑަ ރަށްތަކަށް ލިބޭވަރު މަދުވާތީއެވެ. ނަމަވެސް، އާބާދީ ކުޑަ ނަމަވެސް، ބިމުގެ ގޮތުން ތަނަވަސް ރަށްތަކުގައި މުނިސިޕަލް މަސައްކަތް މަދުނުވުމަކީ މިބަދަލު ގެނައި ސަބަބު ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.


ކޮމެންޓް