ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވަކިކޮށް، އެ މަގާމަށް މިފްކޯގެ ކުރީގެ ސީއީއޯ އަހުމަދު ޝަމާހް ރަޝީދު އައްޔަންކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ބުނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ފަހުމީ ވަކިކޮށް، އެ މަގާމަށް ޝަމާހް އައްޔަންކުރީ މިއަދު ކަމަށެވެ.
ސްޓެލްކޯގައި 25 އަހަރު ހިދުމަތް ކުރެއްވި ފަހުމީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ ނޮވެމްބަރު، 2023 ގަ އެވެ. އޭނާގެ ބަދަލުގައި އެ މަގާމަށް އައްޔަން ކުރެއްވި ޝަމާހު މިފްކޯގެ ސީއީއޯގެ މަގާމުގައި ހުންނަވަނިކޮށް އެ މަގާމުން އޭނާ ވަކިކޮށް، ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރީ މިދިޔަ އަހަރު އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އާ ބޭފުޅަކު އައްޔަން ކުރިއިރު، ދާދިފަހުން ސަރުކާރުގެ ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން ވެސް ވަނީ ބަދަލުކޮށްފަ އެވެ. އެގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެމްޑީގެ މަގާމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ އެމްޑީއަކަށް ހުންނެވި އަލީ ޒުހައިރު ވަނީ އައްޔަންކޮށްފަ އެވެ. އަދި އޭނާގެ ބަދަލުގައި އާރުޑީސީގެ އެމްޑީގެ މަގާމަށް އައްޔަންކުރީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނަޒީމެވެ.

ގުޅޭ ލިޔުންތައް
ކޮމެންޓް