އާލާސްކަންފުޅާ އުޅުއްވުމަށްފަހު އަވަހާރަވި ނިޝާން މުލީގެ ޝަރަފުގެ އިއްޒަތުގެ ވެރިޔާ، މުޙައްމަދު އުމަރު މަނިކުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފިއެވެ.
ދިވެހިރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ އަދި ޔުނިވާސަލް އެންޓަޕްރައިޒަސްގެ ޗެއާމަން، މުޙައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އަވަހާރަވީ އާލާސްކަންފުޅު ބޮޑުވެ، ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިދިޔަ އޮގަސްޓު މަހުގެ 30 ވަނަ ދުވަހުއެވެ.
ހަމަ އެ ދުވަހު އިސްލާމީ މަރުކަޒުގައި، ވަނީ އެމްޔޫގެ މަނިކުގެ ޣައިބަށް ކަށުނަމާދުކޮށްފައެވެ.
މަޓީން އިއްޔެ ބުނީ، އެމްޔޫ މަނިކުގެ ހަނދާނުގައި މިއަދުން ފެށިގެން ތައުޒިޔާގެ ދަފްތަރެއް ހުޅުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ފެށިގެން ހަވީރު 17:00ގެ ނިޔަލަށް އެ ދަފުތަރުގައި ސޮއިކުރުން ކުރިއަށްދާނެ ކަމަށް މަޓީން ބުނެފައިވެއެވެ.
އެމްޔޫ މަނިކަކީ، ރާއްޖޭގެ އިގުތިޞާދަށް ބޮޑު ކުރިއެރުމެއް ގެނެސްދެއްވި ފަތުރުވެރިކަމުގެ ދާއިރާ ތައާރަފު ކުރެއްވުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން އެތައް ކުރިއެރުންތަކެއް ހޯދާފައިވާ އަދި އެންމެ މަތީފަންތީގެ ހިދުމަތްދޭ ރިސޯޓުތައް ރާއްޖޭގައި ހިންގާ ޔުނިވަރސަލް އެންޓަރޕްރައިސަސްގެ ޗެއަރމަން މުޙައްމަދު އުމަރު މަނިކު، ނުވަތަ ކޮލިގޭ މުޙައްމަދު އުމަރު މަނިކަކީ، ރާއްޖޭގައި އެންމެފުރަތަމަ ފަތުރުވެރިކަމުގެ މަސައްކަތް ފެށްޓެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. 16 ފެބްރުއަރީ 1972 ގައި ރާއްޖެއަށް ފުރަތަމަ ޓޫރިސްޓް ގްރޫޕް އައުމުން، އެމީހުން ރާއްޖޭގައި ތިބުމުގެ ކަންތައް ހަމަޖެއްސެވިއެވެ. މުސްތަޤްބަލުގައި މިކަން ރާއްޖޭގައި ކުރިއަށް ގެންދެވުމަށްޓަކައި އޭރު އުފެއްދެވި މިއުމަން ޓުއަރިސްޓް އޭޖެންސީއަކީވެސް މުޙައްމަދު ޢުމަރު މަނިކު ބައިވެރިވެވަޑައިގެން 1972 ވަނަ އަހަރު އުފެއްދެވި އޭޖެންސީއެކެވެ.
ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް އެމަނިކުފާނު ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކޮށް، ސަރުކާރުން ވަނީ 2011 ވަނަ އަހަރު ދިވެހި ދައުލަތުގެ އިއްޒަތުގެ ޝަރަފު އެމަނިކުފާނަށް އަރުވާފައެވެ. މީގެ އިތުރުން 1982 ވަނަ އަހަރު ހިތްވަރު ދިނުމުގެ އިނާމާއި، 2002 ވަނަ އަހަރު ޝަރަފުވެރިކަމުގެ އިނާމު ވެސް އެމަނިކުފާނަށް ލިބިވަޑައިގެންފައިވެއެވެ.
އެމްޔޫ މަނިކް އަވަހާރަވީއިރު އަނބިކަނބަލުންނާއި ދެ ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.

ގުޅޭ ލިޔުންތައް
ކޮމެންޓް