ހަބަރު

ގޭންގު ކުށް ހުއްޓުވަން ހެދި އާ ގާނޫނުގެ ދަށުން 3 މީހަކު ހައްޔަރުކޮށްފި

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް އަމަލުކުރަން ފެށިފަހުން ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.


ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ބުނެފައިވާގޮތުން މާލެއިން ހައްޔަރުކުރި މި ތިން މީހުންގެ ތެރެއިން އެކަކު 30 ދުވަހުގެ މުއްދަތަށް އަދި އަނެއް ދެމީހުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. އެ މީހުން ހައްޔަރުކޮށްފައިވަނީ ދެ ވަޅި ގެންގުޅުމުގެ ތުހުމަތުގައެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުތަކުގައިވާ ގޮތުން އެމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ދިވެހި ދެ ފިރިހެނަކާއި, 30 އަހަރުގެ ފިރިހެނެކެވެ.

ކޯޓު އަމުރުގައި ފާހަގަކޮށްފައިވާގޮތުން އެމައްސަލައިގައި ހައްޔަރުކޮށްފައިވާ ތިން މީހުންނާއި ދެކޮޅަށް ތުހުމަތުކުރެވޭ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވެއެވެ. އެގޮތުން ހާދިސާ ރިޕޯޓާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި ކްރައިމް ސީންގެ ފޮޓޯއާއި، އެ ސީނުން ފެނުނު ދެ ވަޅިއެއްގެ ފޮޓޯ ހެކީގެ ގޮތުގައި ފުލުހުން ހުށަހަޅާފައިވާ ކަމަށް، ވަކިވަކިން ނެރުނު އަމުރުތަކުގައި ބުނެފައިވެއެވެ.


ނަމަވެސް، މި މައްސަލައިގައި ހައްޔަރުކުރެވުނު މީހުންނާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

އަލަށް އެކުލަވާލެވުނު ގާނޫނުގައި ގޭންގްތަކާއި ގޭންގްތަކުން ހިންގާ ކުށްތަކަށާއި އެހެނިހެން ނުރައްކާތެރި ކުށްތަކަށް ކުރިއަށްވުރެ ބޮޑަށް ހަރުކަށި އަދަބުތަކެއް ވަނީ ކަނޑައަޅާފައެވެ.


ކޮމެންޓް