އައްޑޫގައި މަސްވެރިކަމާއި ކަނޑުދަތުރުފަތުރުގެ ލޮޖިސްޓިކް ހަބެއް ގާއިމްކުރުމަށް ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އާ އެކު ދިވެހި ސަރުކާރުން އެމްއޯޔޫއެއްގައި އިއްޔެ ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގަ އެވެ.
ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ އެ މަޝްރޫއަކީ ގައުމުގެ އިގުތިސާދީ ތަރައްގީއަށް މަގުފަހިކޮށްދޭނެ އަދި ދެކުނުގެ މަސްވެރިކަމުގެ ސިނާއަތުގެ ތަރައްގީއަށް އާ ދޮރެއް ހުޅުވައިދޭނެ މުހިންމު މަސައްކަތެއް ކަމަށެވެ.
އައްޑޫގެ ލޮކޭޝަނަކީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އެންމެ އެކަށޭނެ އެއް ސަރަހައްދު ކަމަށް ބެލެވޭއިރު، މި މަޝްރޫއު ފެށުމުގެ މައިގަނޑު މަގުސަދަކީ އައްޑޫގައި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއި ކަނޑުދަތުރުފަތުރުގެ ލޮޖިސްޓިކްސްގެ ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުން ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި، މި މަޝްރޫއުގެ ސަބަބުން ދެކުނުގެ އަތޮޅުތަކުގެ މަސްވެރިންނަށް ގިނަ ފަސޭހަތަކެއް ލިބި، މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް އުންމީދުކުރެވެ އެވެ.
އެ އެމްއޯޔޫގެ ދަށުން އެ މަޝްރޫއުގެ ތަފްސީލީ މާސްޓަ ޕްލޭނާއި މާލީ އަދި އިގުތިސާދީ ފައިދާގެ ދިރާސާތަކުގެ އިތުރުން މަޝްރޫއު ހިންގާނެ ވިޔަފާރި މޮޑެލް އާއި ފައިނޭންސް ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ދެ ފަރާތުން ގުޅިގެން މަޝްވަރާކޮށް، ފުޅާ ދާއިރާއެއްގައި މަސައްކަތްކުރުމަށް އެއްބަސްވެފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ސަރުކާރުގެ އަމާޒަކީ ދެކުނުގެ އިގުތިސާދު އާލާކޮށް، ގިނަ ފުރުސަތުތަކެއް އުފެއްދުން ކަމަށެވެ.
ރާއްޖޭގެ މެރިކަލްޗާ ސިނާއަތް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ވަކި ސިނާއަތެއްގެ ގޮތުގައި ކުރިއެރުވުމުގެ މަގުސަދުގައި، ޗައިނާގެ މަސްވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ހޮންގްޑޮންގް ފިޝަރީ ކޯޕަރޭޝަނާ އެކު ވެސް ދިވެހި ސަރުކާރުން ވަނީ އެމްއޯޔޫއެއްގައި އިއްޔެ ސޮއިކޮށްފަ އެވެ.
ޗައިނާއިން އައްޑޫގައި މަސްވެރިކަމާއި ކަނޑުގެ ލޮޖިސްޓިކް ހަބެއް ތަރައްގީކުރަން ނިންމައިފި

ގުޅޭ ލިޔުންތައް
ކޮމެންޓް