ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މާލީ ބަޔާން ހުށަނާޅާ މެންބަރުންނަށް މާލީ ބަޔާން ހުށަހަޅަން 15 ދުވަހުގެ ނޯޓިހެއް ދީފި އެވެ.
މިހާރު ހިނގަމުންދާ މަޖިލީހުގެ މެމްބަރުން މާލީ ބަޔާން ހުށަހަޅުއްވަން ޖެހޭ އެންމެ ފަހު ތާރީހަކީ އޮގަސްޓް 31 އެވެ. އެ ތާރީހު ފަހަނައަޅައި ދިޔަ އިރު ވެސް ބަޔާން ހުށަނާޅުއްވައި ފަސް މެންބަރަކު އެބަތިއްބެވި އެވެ. އެއީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިސްބަތްވާ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު އާއި މައްޗަންގޮޅި މެދު ދާއިރާ މެންބަރު އަހުމަދު ޒަމީރާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުސްތަފާ އިބްރާހީމާއި ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހީން އަދި އެމްއެންޕީއަށް ނިސްބަތްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ.
މަޖިލީހުގެ އިދާރާގެ އިންފޮމޭޝަން އޮފިސަރު އަހުމަދު މާން އަސްއަދު "މިހާރު" އަށް އެ މެންބަރުންގެ މާލީ ބަޔާންތައް ހުށަހެޅުމަށް މަޖިލީހުގެ ގަވާއިދުގެ ދަށުން 15 ދުވަހުގެ ނޯޓިހެއް މެމްބަރުންނަށް އަމީން އާއްމު އިއްޔެ ފޮނުވާފައިވާ ކަަމަށެވެ.
މަޖިލީހުގެ ގަވާއިދުގެ 77 ވަނަ މާއްދާގައިވާ ގޮތުން މާލީ ބަޔާން ހުށަހަޅަން އޮންނަ މުއްދަތުގެ ތެރޭގައި ހުށަނާޅާ މެމްބަރުންނަށް އަޅާ ފުރަތަމަ ފިޔަވަޅަކީ 15 ދުވަހުގެ ފުރުސަތެއް ދިނުމަށްޓަކައި އެކަން ލިޔުމުން އެންގުމެވެ.
އެ މުއްދަތު ހަމަވާއިރު މާލީ ބަޔާން ހުށަނާޅާނަމަ މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސަތުން އެ މެމްބަރެއްގެ ނަން އިއްވައި، ތަޅުމުން ނެރުމަށް އެ މާއްދާއިން ލާޒިމްކުރެ އެވެ.
އެގޮތަށް ނަން އިއްވައިފި ނަމަ އެ މެންބަރަކަށް މަޖިލީހުގެ ޖަލްސާއެއްގައި ދެން ބައިވެރިވެވަޑައިގެންނެވޭނީ މާލީ ބަޔާން ހުށަހެޅުއްވުމުންނެވެ. އަދި އެއަށް ފަހު މާލީ ބަޔާން ހުށަނާޅާ ހޭދަވާ ކޮންމެ ދުވަހަކަށް، އެ މެންބަރެއްގެ މުސާރައިން ދުވަހަކަށް ޖެހޭވަރު އުނިކުރަން ޖެހެ އެވެ.

ގުޅޭ ލިޔުންތައް
ކޮމެންޓް