ހަބަރު

ރާއްޖޭގެ ގައުމީ ތަރައްގީ ހާސިލް ކުރުމަށް ރައީސް ޑރ. މުއިއްޒަށް ފުރިހަމަ އެއްބާރުލުމެއް ދޭނަން: ޗައިނާގެ ރައީސް

ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ޗައިނާގެ ރައީސް، ޝީ ޖިންޕިންގ ވިދާޅުވެއްޖެއެވެ. ޗައިނާގެ ރައީސް ޝީ މިހެން ވިދާޅުވީ ރައީސް މުޢިއްޒާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.


މި ބައްދަލުކުރެއްވުން އޮތީ، ޗައިނާގެ ޓިއާންޖިންގައި ހުންނަ ޓިއާންޖިން ޔިންގްބިން ހޮޓެލްގައި، މިއަދު ހެނދުނުއެވެ.

މި ބައްދަލުކުރެއްވުމުގައި، ޗައިނާގެ ރައީސް ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް މަރްޙަބާ ވިދާޅުވެ، ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާ ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ރައީސް ވަނީ، ދެޤައުމުގެ މެދުގައި ޒަމާނުއްސުރެ އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގައި މިދަތުރުފުޅުގެ މުހިންމުކަމުގެމައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ، ރަސްމީ ދަތުރުފުޅެއްގައި ދެވަނަ ފަހަރަށް ޗައިނާއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ލިބިވަޑައިގެންނެވި އުފާވެރިކަން ހިއްސާކުރައްވައި، އެމަނިކުފާނަށް ދެންނެވި ހޫނު މަރްޙަބާއާއި، ދެއްވި ދައުވަތާއި، ދީލަތި މެހެމާންދާރީއަށްޓަކައި، ރައީސް ޝީ ޖިންޕިންގއަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ކުރެއްވި މަޝްވަރާތަކުގައި، އިގްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި އިންވެސްޓްމަންޓާއި ސަލާމަތީ ގޮތުން އެއްބާރުލުން ދިނުމާއި، ދެ ޤައުމުގެ ދޭދޭ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތައް ބަދަހިކުރުން ހިމެނޭހެން، އެއްބާރުލުން ދެއްވާ މުހިންމު ދާއިރާތަކަށް އަލިއަޅުއްވާލައްވާ ކަމަށެވެ.


މިބައްދަލުކުރެއްވުމުގައި ޗައިނާގެ ރައީސްގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ދިވެހިރާއްޖެއަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށް ޗައިނާއިން ވެވަޑައިގެންފައިވާ ވަޢުދު ތަކުރާރުކުރައްވައި، ނަތީޖާއަށް ބިނާކުރައްވައި ގުޅުންތައް އިތުރަށް ކުރިއަށް ގެންދެވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި "ކޮމްޕްރިހޭންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕަރޓްނަރޝިޕް (2024 -2028)" ގެ ދަށުން، ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުން، މަތީ ހަރުފަތަކަށް ގެންދެވުމަށްވެސް ދެ ޤައުމުގެ ލީޑަރުންވަނީ އެއްބަސްވެވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ ދެޤައުމުގެ މެދުގައި އޮތް ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާކުރައްވައި، ދެފަރާތުން ހިއްސާކުރާ، މަސްލަހަތު ހިމެނޭ ކަންކަމާއެކު ކުރިއަށްވަޑައިގަންނަވާނެކަން ކަށަވަރުކޮށްދެއްވަމުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.


ކޮމެންޓް