ހަބަރު

ރައީސް ކުމުންދޫގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި

ރައީސް ޑރ މުހައްމަދު މުއިއްޒު ހދ.ކުމުންދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހެނދުނު ކުމުންދޫ މާވެހި މާލަމުގަ އެވެ. 

މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުންގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް ރަށުގެ ބަނދަރު ހައްދަވައިދެއްވުމާއި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ފެއްޓެވުމާއި ރަށަށް އިކޯޓޫރިޒަމް ގެނައުން ހިމެނެއެވެ.

އަދި ކުމުންދޫގައި އަލަށް މީހުން އާބާދުވާ ސަރަހައްދަށް ފެނާއި ނަރުދަމާ އަދި ކަރަންޓު ގުޅައިދިނުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ރަށު ސްކޫލަށާއި ރަށު ސިއްހީ މަރުކަޒަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްދިނުމަށްވެސް ކައުންސިލުން ވަނީ މި ބައްދަލުކުރެއްވުމުގައި އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފަ އެވެ. 

އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކުރައްވާފައެވެ.


ކޮމެންޓް