ހަބަރު

ކުޅުދުއްފުށީގައި ސިޓީ ހޮޓަލަކާއި އިސްލާމީ މަރުކަޒެއް ގާއިމްކުރައްވާނެކަން ރައީސް އިއުލާން ކުރައްވައިފި

ކުޅުދުއްފުށީ ސިޓީގައި ސިޓީ ހޮޓަލަކާއި އިސްލާމީ މަރުކަޒެއް ގާއިމް ކުރުމުގެ މަޝްރޫއު ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފި އެވެ.

ކުޅުދުއްފުށީގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އިސްލާމީ މަރުކަޒެއް އެ ރަށުގައި އެޅުމުގެ މަސައްކަތް އަންނަ އަހަރު ކުރިއަށް ގެންދާނެ ކަމަށެވެ.

އޭގެ އިތުރުން ކުޅުދުއްފުށީ އެއާޕޯޓާ އިންވެގެން އޮތް ބިމުން އިގުތިސޯދީ ފައިދާ ނެގޭނެ ގޮތް ހެދުމަށް އެ ތަނުގައި ސިޓީ ހޮޓަލެއް ގާއިމް ކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ ބިމުގައި އިންވެސްޓްކުރުމުގެ ފުރުސަތު ކައުންސިލުން އިކޮނޮމިކް މިނިސްޓްރީއަށް ފަހިކޮށްދޭހާ އަވަހަކަށް އެ ތަނުގައި ސިޓީ ހޮޓަލެއް އެޅުމަށް ހުޅުވާލާނެ އެވެ.

"އެ ތަނުގައި ސިޓީ ހޮޓަލެއް އެޅިގެން ދިޔައީމަ ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ،" ރައީސް ވިދާޅުވި އެވެ.

ސިޓީ ހޮޓަލެއް އަޅަން ސަރުކާރުން ނިންމި ބިމަކީ ކުޅުދުއްފުށީގެ ކުޅީގެ ބައެކެވެ. އެ ތަން މިހާރު އޮތީ އެއްވެސް ބޭނުމެއް ނުކުރެވި، އާންމުންނަށް ވެސް ބަންދުކޮށްފަ އެވެ.

ކުޅުދުއްފުއްޓާ ޖެހިގެން އޮތް ހދ. ކޭލަކުނުގައި އީކޯ ޓޫރިޒަމްގެ ގާއިމް ކުރުމުގެ މަޝްރޫއު ވެސް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެ މަޝްރޫއު ވާނީ އެމްޓީޑީސީއާ ހަވާލުކޮށްފައި ކަމަށާއި އެ ތަނުގެ ޑިޒައިން ވެސް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަޝްރޫއުގެ ފައިނޭންސިން ވެސް ވަނީ އެމްޓީޑީސީން އަމިއްލައަށް ހަމަޖައްސާފައި ކަން ރައީސް ފާހަގަކުރެއްވި އެވެ.


ކޮމެންޓް