އިއްޔެ އަމަލުކުރަން ފަށާފައިވާ ގޭންގު ކުށްތަކާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން، ކުށްކުރާ ގްރޫޕްތަކުގެ މީހުންގެ ނުހައްގު މުއްސަނދިކަމުގެ މައްސަލަތައް ތަހުގީގުކޮށް، އެ މީހުން ނުހައްގުން ހޯދާފައިވާ މުދާ ދައުލަތަށް ނެގުމުގެ މަސައްކަތްކުރާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނަށް އިއްޔެ އަމަލުކުރަން ފެށުމާ އެކު، އެ ގާނޫނު ތަންފީޒުކުރުމަށް ފުލުހުންގެ ފަރާތުން ވަރަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
ކުށްކުރާ ގްރޫޕްތައް ކަނޑައެޅުމާއި އެފަދަ ގްރޫޕްތަކަށް ނިސްބަތްވާ މީހުންގެ މައްޗަށް، މޮނިޓާކޮށް ކޮންޓްރޯލްކުރުމުގެ އަމުރާއި އެފަދަ ގްރޫޕްތަކުން ކުރާ އަނިޔާވެރި އަމަލުތަކުން ކުޑަކުދިން ރައްކާތެރިކުރުމަށް އެ ކުދިންގެ މައްޗަށް ރައްކާތެރިކުރުމުގެ އަމުރު ނެރުމުގެ އިންތިޒާމު ހައި ކޯޓު މެދުވެރިކޮށް ހަމަޖެއްސުމަށް ފުލުހުންގެ ފަރާތުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ބުނީ ރާއްޖޭގައި ޖަމާއަތް ހަދައިގެން ކުށްކުރާ ހުރިހާ ގުރޫޕުތަކުގެ ރިޕޯޓްތައް ތައްޔާރުކޮށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުގެ ކަންކަން ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.
"ހަމައެއާ އެކު، އިންތިޒާމުވެގެން ކުށްކުރާ ގްރޫޕްތަކަށް ނިސްބަތްވާ ފަރާތްތަކުގެ ނުހައްގު މުއްސަނދިކަމުގެ މައްސަލަތައް ތަހުގީގުކޮށް އެ ފަރާތްތަކުން ނުހައްގުން ހޯދާފައިވާ މުދާ ދައުލަތަށް ނެގުމުގެ މަސައްކަތާއި އަދި އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕްތަކަށް ކުޑަކުދިންނާއި ޒުވާނުން ރެކްރޫޓްކުރާ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއްދީގެން ތަހުގީގުކުރަމުންގެންދާނެ ވާހަކަ ވެސް ދަންނަވަމެވެ،" އެ ބަޔާނުގައިވެ އެވެ.
ފުލުހުން ބުނި ގޮތުގައި، ކުށްކުރާ ގްރޫޕްތައް އެއްވާ ސަރަހައްދުތަކުގައި ފުލުހުންގެ ވިޒިބިލިޓީ އިތުރުކޮށް، އެ ސަރަހައްދުތަކުގައި ތިބޭ މީހުން ބަލައި ފާސްކުރުމުގެ މަސައްކަތް ކުރާނެ އެވެ. އަދި ކުށްކުރުމަށް އަމިއްލަ ތަންތަން ބޭނުންކުރަމުން ދާތީ އެފަދަ ތަންތަނަށް ރެއިޑްކޮށް، ބަލައި ފާސްކުރުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.
އެއީ، މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތަކެއް ކަމަށް ފުލުހުން ބުންޏެވެ.
ގޭންގުތަކާއި ރާވައިގެން ހިންގާ ކުށްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް ހެދި ގޭންގް ކުށްތަކުގެ އާ ގާނޫނަށް އަމަލުކުރަން ފެށީ އިއްޔެ އެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބިލް ތަސްދީގުކުރެއްވީ މިދިޔަ މެއި މަހުގެ 25 ގަ އެވެ.
ނުހައްގު މުއްސަނދިކަމުގެ މައްސަލަތައް ބަލައި މުދާ ދައުލަތަށް ނަގާނެ ކަމަށް ފުލުހުން ބުނެފި

ގުޅޭ ލިޔުންތައް
ކޮމެންޓް