ހަބަރު

ގޭންގުތަކަށް ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް ހެދި ގާނޫނަށް އަމަލުކުރަން ފަށައިފި

ގޭންގުތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް ހެދި ގޭންގު ކުށްތަކުގެ އާ ގާނޫނަށް މިއަދު އަމަލުކުރަން ފަށައިފި އެވެ.

"ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު" ގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ މިދިޔަ މެއި މަހުގެ 25 ގަ އެވެ.

އެ ގާނޫނުގައިވާ ގޮތުން އެ ގާނޫނަށް އަމަލުކުރަން ފަށާނީ ތަސްދީގު ކުރައްވާތާ ތިން މަސް ދުވަސް ފަހުން، މިއަދެވެ.

ކުރިން އަމަލުކުރި ގާނޫނުގައިވާ ގޮތުގައި، ކުށްކުރާ ގްރޫޕްތައް ނުވަތަ ގޭންގްތައް ހޯދަން ޖެހޭނީ ވެސް އާންމު އުސޫލުން ހިންގާ ތަހުގީގެއްގެ ތެރެއިންނެވެ. އަދި ވަކި ގުރޫޕަކީ ކުށްކުރާ ބައެއްކަން ނުވަތަ ވަކި މީހަކީ ކުށްކުރާ ގުރޫޕަކަށް ނިސްބަތްވާ މީހެއްކަން ފުލުހުން ސާބިތުކޮށްދޭން ޖެހޭނީ އާންމު އުސޫލުން ހެކި ހޯދައިގެންނެވެ. އެހެންވެ، އެ ހުރަސްތަކާ ހެދި އެ ގާނޫނުގެ ދަށުން އެއްވެސް މީހަކީ ގޭންގު ލީޑަރެއް ކަމަށް އަދި މެމްބަރެއް ކަމަށް ކަނޑައަޅައިފައެއް ނެތެވެ. އަދި އެ ގާނޫނުގެ ދަށުން މީހަކަށް އަދަބެއް ދީފައެއް ނުވެ އެވެ.

ނަމަވެސް، މިއަދު އަމަލުކުރަން ފެށި އާ ގާނޫނުގައިވާ ގޮތުގައި، އެއީ ގޭންގެއް ކަމާއި ގޭންގެއްގެ ލީޑަރެއްކަން ނުވަތަ ގޭންގު މެމްބަރެއްކަން ކަނޑައެޅުމަށް ފަހު، އެ ކަހަލަ މީހުންނަށް ވަކި ގުޅުންތަކެއް ބާއްވައި މުއާމަލާތުކުރުމާއި ކްލަބް ޖަމިއްޔާ ރަޖިސްޓަރީކޮށް ދިނުމަކީ ވެސް މަނާ ކަމެކެވެ. ގޭންގު މީހުންނަކީ ކޮން ބައެއްކަން އާންމުންނާއި، ރާއްޖެއިން ބައިނަލްއަގުވާމީ ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވާ އެހެން ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އެންގުމުގެ ބޭނުމުގައި އެ މީހުންގެ ފޮޓޯއާ އެކު މައުލޫމާތު އާންމުކުރަން ޖެހޭނެ ކަމަށް އެ ގާނޫނުގައިވެ އެވެ.

އެ ބިލްގައިވާ ގޮތުން ގޭންގްތަކުގެ މީހުންގެ ލިސްޓް ކަމާގުޅޭ ދައުލަތުގެ އިދާރާތަކާއި ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށްފައިވާ އެހެން ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ހިއްސާކޮށް އަދި ކޮންމެ ހަ މަހަކުން އެއް ފަހަރު އެ ލިސްޓު މުރާޖައާ ކުރަންޖެހެ އެވެ.

ގޭންގެއް ކަމަށް ކަނޑައެޅޭ އެއްވެސް ގޭންގެއްގެ ނަމެއް ނުވަތަ އެ ނަމުގެ ބައެއް ހިމެނޭހެން ބޭނުން ކުރެވޭ ގޮތަށް އެއްވެސް ގާނޫނީ ޝަޚުސެއް ރަޖިސްޓަރީ ކޮށްދީގެން ނުވާނެ ކަމަށް ބިލްގައި ހިމަނާފައި ވާއިރު އެކަން ހާސިލު ކުރުމުގެ ގޮތުން، ގޭންގްތަކުގެ ނަންތައް ކޮންމެ ދެ މަހަކުން ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް ޕޮލިސް ކޮމިޝަނަރު ހިއްސާ ކުރައްވަން ޖެހޭނެ ކަމަށް ބިލުގައިވެ އެވެ. އަދި ގޭންގްތަކުން ހިންގާ ކުށްތަކާއި ރާވައިގެން ހިންގާ ކުށްތައް ތަހުގީގު ކުރުމުގައި ހާއްސަ ބާރުތަކެއް ވެސް އެ ގާނޫނުން ދީފައިވެ އެވެ.

ނުރައްކާތެރި ކުށްތަކާއި ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ކުރާ ނުރައްކާތެރި ކުށްތަކާއި ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ގެންގުޅުމުގެ ކުށް އަދި ކުޑަކުދިންނަށް ވަޅި އާއި ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެ ނޫން ވެސް ތޫނު އެއްޗެއް ވިއްކުން މަނާކުރުން ފަދަ ކަންކަން އެ ގާނޫނުގައި ހިމަނާފައިވެ އެވެ.




ކުޑަކުދިންނަށް ވަޅި ވިއްކާ ނަމަ ބޮޑު ޖޫރިމަނާއެއް

އެ ގާނޫނުގައިވާ ގޮތުގައި، 18 އަހަރުން ދަށުގެ ކުޑަކުދިންނަށް ވަޅި އާއި ކަޓަރު ތިލަ އަދި އެ ނޫން ވެސް ތޫނު ހަތިޔާރާއި މާރާމާރީ ހިންގުމަށް ބޭނުންކުރެވިދާނެ ކަހަލަ އެއްވެސް އާލާތެއް ކުޑަކުދިންނަށް ވިއްކުމަކީ މަނާ ކަމެކެވެ. އަދި އެ ކަހަލަ ކަމެއްކޮށް، ކުށް ސާބިތުވެއްޖެ ނަމަ 20،000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ގާނޫނުގައިވެ އެވެ.

ގޭންގެއްގެ މެމްބަރެއް ކަމަށް ކަނޑައަޅާފައިވާ މީހަކު ދައުލަތުގެ ވަޒީފާއެއްގައި ހުރި ނަމަ، އެ މީހަކު ވަޒީފާއިން ވަކި ކުރަން ޖެހޭނެ ކަމަށާއި އެ ކަހަލަ މީހުންނަށް ދައުލަތުން ވަޒީފާ ދީގެން ނުވާނެ ކަމަށާއި އިންތިހާބީ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ދީގެން ނުވާނެ ކަމަށް ގާނޫނުގައިވެ އެވެ.

ގޭންގެއްގެ ބައެއް ސިފަތައް ކަމަށް އެ ގާނޫނުގައި ބުނެފައި ވަނީ ވަކި ސަރަހައްދަކީ އެ މީހެއްގެ ތަނެއް ކަމަށް ބެލެވޭނެ ގްރެފިޓީއެއް، ނިޝާނެއް، ކުރެހުމެއް ބޭނުންކުރުން ނުވަތަ އެ ސަރަހައްދެއްގައި ގިނަ ވަގުތު ހޭދަކުރުމެވެ. އޭނާއަކީ ގޭންގު މެންބަރެއް ކަމަށް އެއްބަސްވާ މީހުންނާއި ކުށްކުރާ ގޭންގުތަކާ ގުޅިފައިވާ ޓެޓޫ ނުވަތަ ނިޝާނެއް ހުރުމާއި ގޭންގު ލީޑަރެއް ނުވަތަ މެންބަރެއްގެ ފަރާތުން މާއްދީ ފައިދާއެއް ލިބިފައިވުމަކީ ވެސް ކުށެއް ކަމަށް އެ ގާނޫނުގައިވެ އެވެ.


ކޮމެންޓް