ހަބަރު

ތިމާގެ އަބުރު ކަތިލުމަކީ އަނެކާގެ މިނިވަން ކަމުގެ ހައްގެއް ނޫން: ރައީސް ޑރ. މުއިއްޒު

މިނިވަންކަމާއި ޒިންމާތަކާ އެކު ކޮންމެ ކަމަކަށް ވެސް ހައްދެއް އޮންނަ ކަމަށާއި އަނެކާގެ އަބުރަށް އަރައިގަތުމަކީ އެއްވެސް މީހަކަށް އޮތް ހައްގެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ހއ. އުތީމުގައި ބޭއްވި މި އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ އުތީމު ބޮޑުތަކުރުފާނުގެ ޖިހާދު ފާހަގަކުރާ ގައުމީ ދުވަހަކީ ގައުމާ މެދު ހުރިހާ ރައްޔިތުން ވެސް ވިސްނަން ޖެހޭ ދުވަހެއް ކަމަށެވެ. މި ގައުމު ކުރިއަށް ޖީލުތަކަށް އަމާންކަމާއި ރައްކާތެރިކަމާ އެކު ފޯރުކޮށްދިނުމުގައި ކޮންމެ ފަރުދަކަށް ވެސް އޮތް އަމިއްލަ ޒިންމާއާ މެދު ނަޒަރު ހިންގާލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެއްވެސް މީހަކަށް އޮތް ހައްގެއްް ނޫންކަން އެއީ އަނެކާގެ އަބުރާއި އިއްޒަތާއި ޝަރަފަށް އަރައިގަތުމަކީ. އަޅުގަނޑުމެން އެއްވެސް މީހަކަށް އޮތް މިނިވަން ކަމެއް ނޫން ކަން ތިމަންނާ ހިތަށް އަންނަހާ އެއްޗެއް ދުލުން ބޭރު ކުރުމަކީ، ބެލުމެއް ނެތި،" ރައީސް

ގައުމީ ދުވަހާ ގުޅިފައި އޮތީ ދިވެހި ވަންތަ ސިފަތަކާއި އެއްބައިވަންތަ ގުޅުންތަކެއް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ގައުމު ކުރިއެރުވުމުގައި ދެން ވެސް ކުރިއަށް ނެރެން ޖެހެނީ ގައުމީވަންތަ ކަމެވެ. ސަރުކާރުތަކަށް ތަރައްގީގެ މަޝްރޫއުތައް ހިންގައި ގައުމުގެ ކުރިއެރުމަށް ކުރަން ހުރި ކަންކަން ކުރެވުނަސް ހަގީގީ ކުރިއެރުމަކީ ގައުމާ މެދު ކޮންމެ މީހަކު އަމިއްލަ އަށް އަދާކުރަން ޖެހިފައި އޮތް ޒިންމާ ފުރިހަމައަށް އަދާކުރުން ކަމަށް ވިދާޅުވި އެވެ.

ނަމަވެސް މުޖުތަމައުން މިހާރު ފެންނަ ކަންބޮޑުވުމަކީ، ތިމާގެ ކުރިއެރުމަށް ކޮންމެ ފަދަ ގޮތެއް ހަދާފައި ނަމަވެސް އަނެކާގެ އަބުރާއި އިއްޒަތަށް އަރައިގަތުން ކަމަށް ވިދާޅުވި އެވެ. ހުދޫދުން ބޭރުނުވެ، ހައްގުތަކަކާ އެކު ޒިންމާތަކެއް ވެސް އޮންނަ ކަން ގަބޫލުކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެއްވެސް މީހަކަށް އޮތް ހައްގެއްް ނޫންކަން އެއީ އަނެކާގެ އަބުރާއި އިއްޒަތާއި ޝަރަފަށް އަރައިގަތުމަކީ. އަޅުގަނޑުމެން އެއްވެސް މީހަކަށް އޮތް މިނިވަން ކަމެއް ނޫން ކަން ތިމަންނާ ހިތަށް އަންނަހާ އެއްޗެއް ދުލުން ބޭރު ކުރުމަކީ، ބެލުމެއް ނެތި،" ރައީސް ވިދާޅުވި އެވެ.

"މިނިވަން ކަމެއް ނޫން ހިތަށް އަންނަހާ އެއްޗެއް ދުލުން ބުނެ، ގަލަމުން ލިޔުމަކީ."

ރައީސް ވިދާޅުވި ގޮތުގައި ދިވެހިރާއްޖޭގެ މާޒީން ފެނުނު ދިވެހިވަންތަކަމާއި އެކަކު އަނެކަކަށް އަޅާލުމާއި ގައުމީ ވިސްނުން ކުރިއަށް ނެރުން ފަދަ ރީތި ސިފަތައް އެ ގޮތުގައި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭން ޖެހެ އެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ރީތި ސިފަތަކެއް ހުރި. ދިވެއްސަކަށް ވީތީ ފަހުރުވެރިވާ އެތައް ސިފައެއް އޮތް ގައުމެއް މިއީ. މައިންބަފައިންނަށް އިހްތރާމްކުރޭ. އަވަށްޓެރިންނަށް ކަމޭހިތާ. މުސްކުޅިންނަށް އިސްރަށްވެހިންނަށް ހެޔޮކޮށް ހިތާ. ކުޑަކުދިންނަށް އަޅާލާ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ ސިފަތައް މި ގައުމުގައި އަލުން އިޔާދަކުރަން ޖެހެ އެވެ. އެކަން ކުރަން، އަތާއި ދޫ ރައްކާތެރިކުރަން ޖެހޭ ކަމަށާއި އެއީ މުސްލިކަމަށް ވީތީ ވެސް ދިވެހިންގެ މައްޗަށް އޮތް ވާޖިބެއް ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"އެ ވާޖިބު އަދާކުރުމުގެ އަޒުމް އާކުރުމަކީ މިއަދު ގައުމީ ދުވަހެއް ފާހަގަކުރާއިރު، އަޅުގަނޑުމެން އެންމެ ފުރަތަމައަށް، އެންމެ އިސްކަމެއް ދޭންވީ ކަންތައް. އެކަން އެގޮތުގައި ކޮށްފިއްޔާ އަޅުގަނޑުމެންނަށް އަޅުގަނޑުމްނެގް ގައުމުގެ މުސްތަގުބަލް އެބައޮތް،" ރައީސް ވިދާޅުވި އެވެ.


ކޮމެންޓް