ކާޑެއްދޫ އެއާޕޯޓުގެ ކަންތައް ހިނގާފައިވާ ގޮތް އޮޅުވާލައިގެން ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ހައްދަވަނީ ދޮގު ވިލާ ކުންފުނީގެ ވެރިޔާ އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޔާމީން ހިމެނިވަޑައިގަންނަވާ ޕީއެންއެފްގެ ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވަނީ ގާސިމާއި ގުޅުވައިގެން ވާހަކަދައްކަވާފައެވެ. އެގޮތުން ކާޑެއްދޫ އެއާޕޯޓަކީ ގާސިމަށް ތަރިކަ މުދާގަނޑެއް ގޮތަށް ލިޔުއްވައިފައި އޮންނަ ތަނެއް ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި ވެރިކަމަށް ކޮންމެ މީހަކު އަޔަސް ގާސިމް އެދިވަޑައިގަތުމުން އެ އެއާޕޯޓް ވިލާ ކުންފުންޏާއި ހަވާލުކުރާ ކަމަށް ޔާމީން ވިދާޅުވިއެވެ.
"އެންމެފަހުން ފެންނަ މަންޒަރަކީ، އެ އެއާޕޯޓު ހިންގަން އުޅެ އުޅެ ނުހިންގިގެން ސަރުކާރުން އެ ތަން ބޮލުގައި އަޅަންޖެހުނު ތަން .ސަރުކާރުން އެ އެއާޕޯޓު ނެގީ، ދައުލަތަށް ގާސިމް ދައްކަންޖެހޭ 30 މިލިއަން ޑޮލަރުގެ ޓެކްސް ފައިސާ މައާފްކޮށްފައި." ޔާމީން ވިދާޅުވިއެވެ.
ޔާމީނަށް ރައްދު ދެއްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގާސިމް ވިދާޅުވީ ޔާމީން އެ ހައްދަވަނީ ދޮގު ކަމަށެވެ. ކާޑެއްދޫ އެއާޕޯޓްގެ ކަން ހިނގާފައިވާ ގޮތް އޮޅުވާލައިގެން އެ ފަތުރާ ދޮގު ވާހަތައް ދިވެހިން ގަބޫލެއް ނުކުރާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
އެ ޕޯސްޓާއިއެކުގައި ގާސިމް ވަނީ ރައީސް އޮފީހުން ފޮނުއްވި ސިޓީއެއް ވެސް ހިއްސާ ކުރައްވާފައެވެ. އެ ސިޓީ ކިިޔާލުމުން އެއީ ކިހާ އަދަދެއްގެ ފައިސާ އެކަން ސާފުވާނެ ކަމަށާއި އެ ތަން ނުހިންގިގެން ނަގަނީ ނޫން ކަން ވެސް ސާފުވާނެ ކަމަށް ވިދާޅުވިއެވެ.
"ކާޑެއްދޫ އެއާޕޯޓް އަމިއްލަ ފަރާތަކަށް ދޫކޮށްލުމަށް ކުރި އިއުލާނާއި ގުޅިގެން ވިލާއިން ހުށަހެޅި ޕްރޮޕޯޒަލަށް އެތަން ދޫކޮށްލެއްވީ ސަރުކާރަށް ގެއްލުންވާލެއް ބޮޑުކަމުން. އެއީ ފަޅުރަށް ދޫކުރާ އުސޫލެއް ނޫންތާދޯ. އަޅުގަނޑުމެން ވެސް އެތަން ހިންގައިގެން ލިބޭ ބޮޑު ގެއްލުމާއި އަދި އެތަނަށް ވިލާއިން ކުރި ބޮޑު އިސްވެސްޓްމެންޓަށް ބެލުމަށްފަހު ބަދަލެއްގެ ގޮތުން ސަރުކާރުން ދެއްވަން ނިންމެވީ 18 މިލިއަން ޑޮލަރު."، ގާސިމް ވިދާޅުވިއެވެ.
ކާޑެއްދޫ އެއާޕޯޓުގެ ކަންތައް ހިނގާފައިވާގޮތް އޮޅުވާލައިގެން ޔާމީން ފަތުރަނީ ދޮގު:ގާސިމް

ގުޅޭ ލިޔުންތައް
ކޮމެންޓް