ހަބަރު

އެމެރިކާގެ ސިފައިންގެ މީހަކު އެގައުމުގެ ސިއްރު މައުލޫމާތުތަކެއް ޗައިނާއަށް ވިއްކައިފި

އެމެރިކާގެ ކެލިފޯނިއާގައި ހުންނަ އެމެރިކާގެ ކަނޑު ސިފައިންގެ މީހެއް، މީސް މީޑިއާ މެދުވެރިކޮށް އޭނާ ރެކްރޫޓްކޮށްފައިވާ ޗައިނާގެ އެޖެންޓަކަށް އެމެރިކާގެ ގައުމީ ސިއްރު މައުލޫމާތުތަކެއް ވިއްކިކަން ފަޅާއަރައި، ޖާސޫސްކުރުމުގެ ކުށް ސާބިތުވެއްޖެއެވެ.

މިކަމުގެ ސަބަބުން އެމެރިކާގެ ގައުމީ ސަލާމަތަށް ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުން ވިދާޅުވެއެވެ.

އުމުރުން 25 އަހަރުގެ ޖިންޗާއޯ ވޭއި ނުވަތަ ޕެޓްރިކް ވޭއި އަކީ އެމެރިކާގެ ގައުމީ ރައްޔިތަކަށް ވެފައި، އޭނާއަށް ސެކިއުރިޓީ ކްލިއަރެންސް ލިބިފައިވާ މީހެކެވެ. އޭނާ ވަނީ އެމެރިކާގެ ކަނޑު ސިފައިންގެ އުޅަނދުތަކާ ބެހޭ ސިއްރު މައުލޫމާތު ގަވައިދާ ހިލާފަށް ބޭރުކުރުމާއި، ޖާސޫސްކުރުމާއި، ޖާސޫސްކުރުމަށް ރޭވުމާއި ހިމެނޭހެން ޖުމްލަ ހަ ކުށެއް ސާބިތުވެފައެވެ. އޭނާގެ ހައިސިއްޔަތުން ޔޫއެސްއެސް އެސެކްސް އާއި، ޕެސިފިކް ފްލީޓްގައި ހިމެނޭ އެހެނިހެން އުޅަނދުތަކާ ބެހޭ ސިއްރު މައުލޫމާތުތަކަށް އޭނާއަށް ވަދެވޭނެ އިންތިޒާމު ހުރެއެވެ.

މި މައްސަލަ ފެށިފައިވަނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޗައިނާގެ އިންޓެލިޖެންސް އޮފިސަރަކު މީސް މީޑިއާ މެދުވެރިކޮށް ވޭއިއަށް ގުޅައި، އޭނާ ހިދުމަތްކުރަމުން ދިޔަ ޔޫއެސްއެސް އެސެކްސް އާއި އެހެނިހެން ކަނޑު ސިފައިންގެ އުޅަނދުތަކާ ބެހޭ މައުލޫމާތު ހޯދަން މަސައްކަތްކުރުމުންނެވެ.

އެ އޮފިސަރު ވަނީ އޭނާ އަކީ ކަނޑު ސިފައިންގެ ކަންކަމަށް ވަރަށް ޝައުގުވެރިވާ މީހެއް ކަމަށާއި، ޗައިނާގެ ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށްވާ ޗައިނާ ޝިޕްބިލްޑިން އިންޑަސްޓްރީ ކޯޕަރޭޝަންގައި މަސައްކަތްކުރާ މީހެއްގެ ގޮތުގައި ތައާރަފުކޮށްފައެވެ.

މިގޮތުން 18 މަސްދުވަހުގެ ތެރޭގައި ވޭއި އަށް 12,000 ޑޮލަރަށްވުރެ ގިނަ ފައިސާ ލިބިފައިވެއެވެ. އޭނާ ވަނީ އެސެކްސްގެ ފޮޓޯތަކާއި ވީޑިއޯތައް ފޮނުވާފައެވެ. އެމެރިކާގެ ކަނޑު ސިފައިންގެ އުޅަނދުތައް ހުރި ތަންތަން އެ އޮފިސަރަށް އަންގާފައިވެއެވެ.

ވޭއި ހައްޔަރުކުރެވުނީ 2023 ވަނަ އަހަރުގެ އޮގަސްޓު މަހު ޖާސޫސްކުރުމުގެ ދައުވާގައި، އޭނާ މަސައްކަތްކުރާ އެންފިބިއަސް އެސޯލްޓް ޝިޕަށް ދިޔަ ވަގުތުގައެވެ. މި މައްސަލައިގެ ޝަރީއަތް ހިނގި ހަފްތާގައި، ޕްރޮސެކިއުޓަރުން ވަނީ ވޭއި އޭނާގެ ޗައިނާގެ އެޖެންޓާއެކު ކުރި ފޯނު ކޮންވަޒޭސަންތަކާއި، އިލެކްޓްރޯނިކް މެސެޖުތަކާއި، އޯޑިއޯ މެސެޖުތައް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ވޭއި އޭނާގެ މަންމައަށް ފޮނުވި މެސެޖެއް ވެސް ހިމެނެއެވެ. އެ މެސެޖުގައި ވޭއި ބުނެފައިވަނީ، އެމެރިކާގެ ކަނޑު ސިފައިންގައި ހިދުމަތްކުރާ އެހެން ޗައިނާ މީހުން އަދިވެސް އިތުރު ފައިސާ ހޯދަން މަސައްކަތްކުރަމުންދާ ކަމަށާއި ބައެއް މީހުން ޓެކްސީ ދުއްވާއިރު، ގައުމުގެ ސިއްރުތައް ލީކުކޮށްގެން އޭނާ ފައިސާ ހޯދާ ކަމަށެވެ.

ވޭއި އަށް ހުކުމް އިއްވުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު 1 ވަނަ ދުވަހުއެވެ. އޭނާއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.


ކޮމެންޓް