ހަބަރު

ތޮއްޑޫގައި ޑޮލަރު އޭޓީއެމް އެއް ހުޅުވައިފި

އއ. ތޮއްޑޫގައި ބީއެމްއެލް ޑޮލަރު އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އއ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ތޮއްޑޫއަށް ވަޑައިގެން އެމަނިކުފާނު ވަނީ އެރަށުގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށްޓަވާދެއްވާފައެވެ. އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށް އެމަނިކުފާނު ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ.

ރައީސް ތޮއްޑޫގެ ރައްޔިތުންނަށް ޑޮލަރު އޭޓީއެމްއެއްގެ ޚިދުމަތް ފޯރުކޮށްދެއްވާނެކަމުގެ ވައުދު ވެވަޑައިގަތީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހު އެރަށަށް ކުރެއްވި ދަތުރުފުޅެއްގައި ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "މުޅި ރާއްޖެއަށް ބިއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން އއ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ވަނީ ގާއިމުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ބޭންކް އޮފް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތް މިއަހަރު ތެރޭ އެއްކޮށް ނިންމާލާ 100 އަށް ވުރެ ގިނަ އޭޓީއެމް ބެހެއްޓުމަކީ ބީއެމްއެލްގެ އަމާޒެކެވެ. މިއާއެކު މަޝްރޫޢު ނިމުމުން ރަޢްތަކުގެ އިޤްތިޞާދު ކުރިއަރައި ވިޔަފާރިތައް ފުޅާކުރުމަށް މަގުފަހިވާނެ ކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.

ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެއެވެ.


ކޮމެންޓް