ލާމަރުކަޒީ ގާނޫނަށް ސަރުކާރުން އިސްލާހު ގެންނަ ޖެހުނީ ބައެއް ކައުންސިލްތަކުން އޭގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރަމުން ދިއުމުން ކަމަށް ހިމަންދޫ ކައުންސިލް ރައީސް ހުޝާމް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. އަތޮޅަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގައި ހިމަންދު އަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ރަށު ކައުންސިލްގެ ރައީސް ހުޝާމް ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ނޫސްބަޔާން ނެރުނު ކައުންސިލްތަކުގެ ތެރޭގައި ހިމަންދޫ ކައުންސިލް ވެސް ހިމެނޭ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ބަޔާން ނެރުނު ސަބަބަކީ ކުރިން ކަންކަން ކުރަމުން އައި ފަސޭހަ ގޮތަށް އެ ކަންކަން ނުކުރެވޭނެ ކަމުގެ ބިރު އޮތުމާއި އެ އިސްލާހުގެ ސަބަބުން ދަތިތަކެއް ކުރިމަތި ވެދާނެ ކަމަށް ވިސްނިވަޑައިގެންފައި އޮތުމުން ކަމަށެވެ.
އެ އިސްލާހު ގެންނަން ޖެހުނީ ބައެއް ކައުންސިލްތަކުން ސަރުކާރުން ދޭ ބަޖެޓުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާތީ ކަމަށް ވެސް ހުޝާމް ވިދާޅުވި އެވެ.
"ދައުލަތުން ދޫކުރާ ހިލޭ ފައިސާ އިން ހިމަންދޫ ކައުންސިލުން ވެސް ކޮންމެ އަހަރަކު ތަޖުރިބާ ދަތުރެއް ކުރަން. ސްޓާފުންނަށް މޯޓިވޭޝަން ދަތުރެއްގެ ގޮތުގައި ރާއްޖެތެރޭގެ ކޮންމެވެސް ރަށަކަށް ދަން. އެހެން ނަމަވެސް އެބަތިބި އަހަރަކު ހަތަރެއް ނޫނީ ފަސް ފަހަރަށް ތަޖުރިބާ ދަތުރުތައް ކުރާ ކައުންސިލްތައް،" އޭނާ ވިދާޅުވި އެވެ.
"ބައެއް ކައުންސިލްތަކުން އެބަދޭ ރާއްޖެ އިން ބޭރަށް ވެސް. އެހެންވީމާ ގޯސްކޮށް ކަންތައްތައް ކުރަމުންދިޔަ ކައުންސިލްތަކުގެ ސަބަބުން ރަނގަޅަށް ހިނގައި ކައުންސިލްތަކަށް މިވީ ދަތިކަމަކަށް."
ހުޝާމް ވިދާޅުވިގޮތުގައި ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފަރާތުން ގެނައި އިސްލާހުތަކަކީ ރަނގަޅު އިސްލާހުތަކެއް ކަމަށް އޭނާ އަށް ގަބޫލު ކުރެއްވެ އެވެ.
އާ އިސްލާހުތަކާ އެކު، ކައުންސިލްތަކުގެ ދައުރުގެ ތެރެއިން އެއް އަހަރު ގެއްލިއްޖެ ކަމަށް ބަޔަކު ބުނަމުންދިޔަ ނަމަވެސް އެކަން ގަބޫލު ނުކުރައްވާ ކަމަށާއި ހުއްދަ ނަގައިގެން ކޮންމެ ކަމެއް ވެސް ކުރުމަކީ ބުރައެއްގެ ގޮތުގައި ދެކެވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އާ އިސްލާހުން ބޭކާރު ހަރަދުތައް ކުރަމުންދިޔަ ކައުންސިލްތައް ރަނގަޅަށް މަސައްކަތް ކުރުމަށް ފުރުސަތުތަކެއް ފަހިވެފައިވޭ. ދައުރުގައި ބާކީ އޮތް މުއްދަތުގައި ވެސް ހުއްދަ ނަގަންޖެހޭ ފަރާތްތަކުން ހުއްދަ ނަގައިގެން، ރައްޔިތުންގެ މަންފާ އަށް މަސައްކަތް ކުރައްވާނެ،" ހިމަންދޫ ކައުންސިލްގައި ތިން ވަނަ ދުއުރު ފުރިހަމަ ކުރައްވަމުން ގެންދަވާ ހުޝާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލަކުގެ ސަބަބުން ތަރައްގީ އަށް އެއްވެސް ހުރަހެއް ނޯންނާނެ ކަަށެވެ.
ހުޝާމް ވިދާޅުވިގޮތުގައި، މިއިން ދުވަހަކު ލާމަރުކަޒީ ނިޒާމަށް ގެއްލުން ނުވާހާ މިންވަރަށް މިހާރު ގެއްލުން ލިބިފައިވާ ކަމަށް ބުނެ އެކި ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ވެސް ނެތެވެ.
ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކުގެ ބިލް ރައީސް މުއިއްޒު ތަސްދީގު ކުރައްވާފައި ވަނީ މިދިޔް އާދިއްތަ ދުވަހުގެ ރެ އެވެ. ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތައް ދިފާއު ކުރައްވަމުން ރައީސް ދަރަވަންދޫގައި ބޭއްވި ޖަލްސާގައި ވިދާޅުވީ އެއީ އެ ނިޒާމު "ހަރުދަނާކުރުމަށް، ޗެމްޕިއަން ކުރުމަށް" ގެންނަންޖެހޭ އިސްލާހުތަކެއް ކަމަށެވެ.
ރައީސް ވިދާޅުވީ، އަސާސީ ބޭނުންތަކަށް ދޫކޮށްފައިވާ ބިންތަކާއި އިމާރާތްތަކުން ކައުންސިލްތަކަށް ކުލި ނެގުން ހުއްޓާލުމުން ހިދުމަތްތަކުގެ އަގު ހެޔޮވެ، އޭގެ ފައިދާ ވެސް ލިބޭނީ ސީދާ ރައްޔިތުންނަށް ކަމަށެވެ.
ލާމަރުކަޒީ ގާނޫނަށް އިސްލާހް ގެނައީ ބޭންކޮކަށް ދާވަރުން އޮބި ނޯވެގެން: ހިމަންދޫ ކައުންސިލް

ގުޅޭ ލިޔުންތައް
ކޮމެންޓް