ހަބަރު

ރައީސް ޑރ. މުއިއްޒުގެ އުންމީދީ ސަހަރު، ރަސްމާލޭގެ ބޮޑު ބައެއް ހިއްކާލައިފި

ރަސްމާލެ މަޝްރޫއުގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ 1153 ހެކްޓަރުގެ ތެރެއިން މިހާތަނަށް 129 ހެކްޓްރުގެ ބިން ހިއްކާނިންމާލައިފިއެވެ.

ރަސްމާލެ މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް އަވަހަށް ނިންމާލުމަށްޓަކައި އެ މަސައްކަތްތައް ހުއްޓުމެއްނެތި ދަނީ ކުރިއަށެވެ. އެގޮތުން މުޅި މަޝްރޫއަށް ބަލާއިރު، ބިން ހިއްކުމުގެ ގާތްގަނޑަކަށް 12 އިންސައްތައެވެ.


ރަސްމާލެ މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާއި ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާއެވެ.

އެޗްޑީސީން ބުނީ މިހާރު ވަނީ އިތުރުން ކުންފުންޏެއްގެ ގޮތުން އިންޑިއާގެ މޯހަން މުތާ އެކްސްޕޯރޓްސް ޕްރައިވެޓް ލިމިޑެޑާ ވެސް ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފަކަމަށެވެ. އަދި ބޮސްކާލިސް ކުންފުނިން ވަނީ އެ ކުުންފުންޏަށް ބިން ހިއްކުމަށް ހަވާލުކުރި މަސައްކަތް އެއްކޮށް ނިންމާލާފައެވެ.

ބިން ހިއްކުމުގެ މި މަޝްރޫއުގެ ދަށުން މޯހަން މުތާ އެކްސްޕޯރޓްސް ޕްރައިވެޓް ލިމިޑެޑާ ހަވާލުކޮށްފައިވަނީ ސައިޓް D,F,G,L ގައި ހިމެނޭ ޖުމްލަ 378 ހެކްޓަރުގެ ބިން ހިއްކުމަށެވެ. އޭގެ ތެރެއިން އެކުންފުންޏަށް މިހާތަނަށް ހިއްކުނީ 100 ހެކްޓަރެވެ. އެއީ އެކުންފުންނިން ހިއްކަންޖެހޭ ބިމުގެ 25 އިންސައްތައެވެ. 

ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަމުން ގެންދަނީ ތިމާވެއްޓަށް ގެއްލުން ނުވާނެހެއް ރައްކާތެރިގޮތަށް ބަލާގެން ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އެގޮތުން ރަސްމާލެ ހިއްކަމުންދާ ސަރަހައްދުގައި ހުންނަ މުރަކަތައް ނަގައި އެހެން ސަރަހައްދުތަކުގައި އިންދުމުގެ މަސައްކަތް ކުރަމުންދާއިރު އެގޮތަށް 21،700 އެހާ މުރަކަ އެގޮތަށް ނަގައި އެކި ހިސާބުތަކުގައި އާލާކުރުމުގެ މަސައްކަތް ވަނީ ކުރިއަށްގެންގޮސްފަކަމަށް އެޗްޑީސީން ބުނެއެވެ.

ރަސްމާލެ ހިއްކަނީ ހުޅުމާލެއަށްވުރެ ބިންގަނޑު އުސްކޮށްގެންނެވެ. އެޗްޑީސީން ބުނީ ހުޅުމާލެ ހިއްކާފައިވަނީ ކަނޑުގެ ލޮނުގަނޑަށްވުރެ 2 މީޓަރު އުސްކޮށް ކަމަށްވާއިރު، ރަސްމާލެ ހިއްކަނީ 2.5 މީޓަރު އުސްކޮށްކަމަށެވެ. އެޗްޑިސީން ބުނީ ކުރިއަށްއޮތް ތަނުގައި ރަސްމާލެ ހިއްކުމުގެ މަސައްކަތް އަވަސްވެގެންދާނޭކަމަށާއި އެގޮތުން އެ މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ނިންމާލެވޭނޭކަމަށެވެ.

ރަސްމާލެ މަޝްރޫއުއަކީ ރާއްޖޭގައި ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ގެނައުމަށް މި ސަރުކާރުން އިސްކަންދޭ އެންމެ ބޮޑު މަޝްރޫއުުތަކުގެ ތެރެއިން އެއް މަޝްރޫއުއެވެ. އެގޮތުން މި މަސައްކަތް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. ރަސްމާލެ ހިއްކައި ނިމޭއިރު ހުޅުމާލޭގެ ބިމުގެ ތިންގުނައަށް ބޮޑުވާނޭކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. 

ގުޅީފަޅުގައި މިހާރު ފެށިފައިވާ މަޝްރޫއުގައި ހިއްކަމުންދާ މިންވަރަށްވުރެ އިތުރަށް 85 ހެކްޓަރުގެ ބިން އިތުރުކޮށް ގިރާވަރު ފަޅުންވެސް މިހާރުަށްވުރެ އިތުރަށް 50 ހެކްޓަރު ބިންހިއްކައި އެތަންތަން ބުރިޖުން ގުޅުވައިލާ ރަސްމާލެ މަޝްރޫއާއެކު މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މުޅީ މައްސަލައަށް ހައްލު ގެނެސްދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެގޮތުން މިހުރިހާ ތަނެއް އެކުގައި ޖުމްލަ 65،000 ގޯތި ނުވަތަ ފްލެޓް ތަރައްގީ ކުރެއްވި ބޯހިޔާވަހި ކަމުން މައްސަލައަށް ހައްލެއް ލިބިގެންދާނެއެވެ.


ކޮމެންޓް