ހަބަރު

ދެ ޖިންސުގެ ޒުވާނުން މަސްބާނަން ދަަސްކޮށްދޭ ކޯހެއް ހިންގަން ނިންމައިފި

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ނެރެ، މި ދާއިރާއަށް ޒުވާނުންގެ ޝައުގުވެރިކަން އިތުރުކުރުމުގެ މަގްސަދުގައި ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ފަށަން ފިޝަރީޒް މިނިސްޓްރީން ނިންމައިފިއެވެ.

މިއީ ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ތަމްރީން ޕްރޮގްރާމެކެވެ.

ފިޝަރީޒް މިނިސްޓްރީން ބުނިގޮތުގައި ވޯލްޑް ބޭންކުގެ އެހީގައި، "ޓްރާންސްފޯމިން ފިޝަރީޒް ސެކްޓާ އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓު" ގެ ދަށުން ކުރިއަށްގެންދާ މި ތަމްރީން ޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ، ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފައްދައި، މަސްވެރިކަމުގެ ދާއިރާއާ ގުޅޭ މަސައްކަތްތަކަށް ޒުވާނުން ނެރުމަށްޓަކައި ބޭނުންވާ ތަމްރީނާއި ހުނަރު ހޯދުމުގެ ފުރުސަތު ފަހި ކޮށްދިނުމެވެ.

މި ތަމްރީން ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި މަސްވެރިކަމަށް އަލަށް ނުކުންނަން ބޭނުންވާ ފަސް ޒުވާނަކަށް ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ. ތަމްރީންގައި ބައިވެރިވާ ފަރާތްތަކަށް، އެލަވަންސެއް ވެސް ދިނުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ތަމްރީންގައި މަސްވެރިކަމާ ބެހޭ ފަންނީ މައުލޫމާތު ދިނުމުގެ އިތުރުން، އަމަލީ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ވެސް ލިބޭނެއެވެ. ޚާއްސަކޮށް، ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ދޮށީގެ މަސްވެރިކަން ކުރާ އުޅަނދެއްގައި އަމަލީ ގޮތުން ހަރަކާތްތެރިވެ، ރާއްޖޭގެ އެންމެ ފުންނާބު އުސް ކެޔޮޅުންގެ ފަރާތުން މަސްވެރިކަން ކުރާ ގޮތުގެ ތަމްރީނާއި ހުނަރު މި ޕްރޮގްރާމްގެ ބައިވެރިވާ ޒުވާނުންނަށް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓްރީން ފާހަގަކުރެއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދާނީ އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. ކޯހުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހު 30 ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.

ކޯހުގައި ބައިވެރިވާން އެދޭ މީހުން ފޯމު ފުރިހަމަ ކުރުމަށް ފަހު، އައިޑީ ކާޑުގެ ކޮޕީއާ އެކު ފިޝަރީޒް މިނިސްޓްރީގެ އީމެއިލަށް ފޮނުވުމަށް ވަނީ އެދިފައެވެ.


ކޮމެންޓް