މިދިޔަ ހަފުތާގައި ޓްރެފިކް ގަވާއިދާ ހިލާފުވެގެން މާލެ ސަރަހައްދުން 154 މީހެއްގެ ލައިސަންސް ހިފަހައްޓައިފި އެވެ.
ޓްރެފިކް ޕޮލިހުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް 32 އެކްސިޓެންޓެއް ހިނގާފައިވެ އެވެ. އޭގެ ތެރެއިން ހަތަރު އެކްސިޑެންޓެއްގައި މީހުންނަށް އަނިޔާވެފައިވެ އެވެ.
ޑްރައިވިން ލައިސެންސް ނެތި ދަތުރުކުރި 42 މީހަކު ހިފަހައްޓާފައިވާއިރު، ނުރައްކާތެރިކޮށް ދުއްވި ދެ މީހަކު ހިފަހައްޓާފައިވެ އެވެ. އޭގެ އިތުރުން 154 މީހެއްގެ ލައިސަންސް ހިފަހައްޓާފައިވާއިރު، ވެހިކަލް ނަންބަރު ޕްލޭޓާ ގުޅޭ މައްސަލަތަކުގައި ދެ މީހަކު ހުއްޓުވާފައިވެ އެވެ.
ފުލުހުން ބުނީ ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ ވެހިކަލްތަކާ ގުޅޭ ގޮތުން 531 ކޯލް މި މަހުގެ މިހާތަނަށް ލިބިފައިވާ ކަމަށެވެ. އަދި މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި 169 ސައިކަލާއި ހަތަރު ފުރޮޅުލީ 18 އުޅަނދެއް ޓޯކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޓްރެފިކް ޕޮލިހުންގެ ތަފާސްހިސާބުތައް
• 611 ވެހިކަލް ޗެކުކޮށްފައިވޭ
• 266 މީހަކު ގަވާއިދާ ހިލާފުވެފައިވޭ
• މަގުތައް ބެލެހެއްޓުމުގައި 287 ގަޑިއިރު ފުލުހުުން ހޭދަކޮށްފައިވޭ
• ހެޑްސެޓް ޖަހައިގެން ދަތުރުކުރި 22 މީހަކު ހުއްޓުވި
• ހިފެހެއްޓި ވެހިކަލްތަކުގެ ތެރެއިން 67 ވެހިކަލެއްގެ އަހަރީ ފީ ނުދައްކާ
• ހިފެހެއްޓި ވެހިކަލްތަކުގެ ތެރެއިން 28 ވެހިކަލެއްގެ އިންޝުއަރެންސް ފީ ނުދައްކާ
• ޓްރެފިކްގެ ނިޝާންތަކާ 18 ވެހިކަލެއް ހިލާފުވި
• ޑްރައިވިން ލައިސަންސާ ގުޅޭ ޖުމްލަ 83 މައްސަލައެއް ފާހަގަވި
މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމާއި ބާ އުޅަނދުތައް ނަގައި ނައްތާލުމުގެ މަސައްކަތް ފުލުހުން ދޭތެރެއިން ކުރެ އެވެ. އިއްޔެ އެކަނި ވެސް 200 އަށް ވުރެ ގިނަ އުޅަނދު ޓޯކޮށްފައިވެ އެވެ.

ގުޅޭ ލިޔުންތައް
ކޮމެންޓް