ހަބަރު

ލާމަރުކަޒީ ގާނޫނުގެ އިސްލާހަށް ގާސިމް ތާއީދު ކޮށްފި

ލާމަރުކަޒީ ނިޒާމުގެ ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނަ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކަކީ ރާއްޖޭގެ މިއަދުގެ ހާލަތަަށް ބަލާއިރު ވަރަށް މުހިންމު އަދި ގާނޫނުއަސާސީގައި ބަޔާންކުރާ ޔުނިޓަރީ ދައުލަތެއްގެ ނިޒާމުގެ ތެރެއަށް ފެތޭ އިސްލާހުތަކެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބިލް މި މަހުގެ ހަ ވަނަ ދުވަހު ފާސްކޮށް މިދިޔަ ބުރާސްފަތި ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގު ކުރައްވައިފަ އެވެ.

ތަފާތު ހިޔާލުތައް އެ އިސްލާހުތަކާ މެދު އުޅޭއިރު، ގާސިމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެއީ ވަރަށް މުހިންމު އިސާލާހުތަކެއް ކަމަށެވެ.

މާމިގިލި ދާއިރާގެ މެމްބަރު ގާސިމް ވިދާޅުވީ، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުން ރާއްޖޭގައި ހިންގަން ޖެހެނީ ޔުނިޓަރީ ދައުލަތެއް ކަމަށާއި މިއީ ފެޑަރަލް ދައުލަތެއް ނޫން ކަމަށެވެ. އެހެންވެ، ލާމަރުކަޒީ ގާނޫނު ވެސް އޮންނަން ވާނީ ޔުނިޓަރީ ދައުލަތަކުން ކަމެއް ފުޅާކުރެވޭނެ މިންވަރަކަށް އެ ހުދޫދުގެ ތެރޭގައި ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔުނިޓަރީ ދައުލަތެއްގެ ވެރިކަން ހިންގުމުގެ ބާރުތަކާއި ފްރޭމްވޯކާއި ފުށުއަރާ ގޮތަށް އެއްވެސް ގާނޫނެއް ހެދިފައި އޮވެގެން ނުވާނެ އެވެ.

ގާސިމް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް އަމަލުކުރަމުން އަންނަތާ 14 އަހަރުވެފައިވާއިރު އެ ގާނޫނާ އެކު ފެޑަރަލް ވިސްނުން ބައެއް ފަރާތްތުން ގެންގުޅޭ ކަމަށާއި އާންމުކޮށް ސަރުކާރާއި އިދިކޮޅަށް އޮންނަ ޕާޓީތަކުން ވެސް އެފަދަ ވާހަކަތައް ޕްރޮމޯޓްކުރާ ކަމަށެވެ.

"އަޅުގަނޑު ވެސް ގަބޫލުކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިފަދައިން މި އިސްލާހުތަކަކީ އެ ނިޒާމު ހަރުދަނާކުރުމަށް ޗެމްޕިއަން ކުރުމަށް ގެންނަންޖެހޭ އިސްލާހުތަކެއް ކަމަށް،" ގާސިމް ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުގައި ގާސިމް ވިދާޅުވީ ކުރިއަށް އޮންނަ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ސިޔާސީ ބޭނުމަށް ރަށްރަށުގެ ބިންތައް ދޫކޮށް، ގިނަ އަދަދަކަށް މުވައްޒަފުން ނަގާނެ ފުރުސަތު އޮވެގެން ނުވާނެ ކަމަށެވެ. އެއީ ނާޖާއިޒު ފައިދާއެއް ނެގުން ކަމަށާއި އަންނަ ދައުރަށް ހޮވުމުގެ ބޭނުމުގައި ސަރުކާރުގެ މާލިއްޔަތު ތަން ނުދޭ މިންވަރަށް އިތުރު މަގާމުތައް އުފެއްދުމުގެ ބާރު ގާނޫނަކުން ކައުންސިލަރުންނަށް ދީފައި އޮވެގެން ނުވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އެ އިސްލާހުގެ ސަބަބުން ފައިދާވާނީ ސަރުކާރަށް ނޫން ކަމަށާއި އެއީ ރައްޔިތުންނަށް ލިބޭ ފައިދާއެއް ކަމަށެވެ. އަދި ރަށެއްގެ ތަރައްގީގެ ޕްލޭނަކީ ރައްޔިތުންގެ ހިޔާލާ އެކު ފާސްކޮށްފައިވާ އެއްޗެއް ކަމަށާއި އޭގައި ނުހިމެނޭ ކަންކަން އިންތިހާބާ ދިމާކޮށް ސިޔާސީ ބޭނުމަށް ކުއްލިއަކަަށް ފެށުމުގެ އިހްތިޔާރު އޮވެގެން ނުވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެކަމުގެ ސަބަބުން ގައުމަށް ނުހަނު ގެއްލުން ލިބެމުންދެ އެވެ.

"މިސާލަކަށް މިހާރު އޮތް ކައުންސިލްތަކުގެ ދައުރު އަންނަ 2026 މޭ މަހަށް ހަމަވާތީ ދައުރުގެ ބާކީ މިހާރު އޮތީ ގާތްގަނޑަކަށް 10 މަސް ކަމުގައި ވާތީ ކައުންސިލްތަކުގެ އިހުލާސްތެރިވާން ޖެހޭނީ ގާނޫނުއަސާސީގައި ބުނާ ޔުނިޓަރީ ދައުލަތުގެ ވިސްނުމަށް. މި އިސްލާހުގެ ސަބަބުން އަސްލުގައި ފައިދާ ވާނީ ރައްޔިތުންނަށް، ސަރުކާރަކަށް ނޫން،" ގާސިމް ވިދާޅުވި އެވެ.

އެ އިސްލާހުގައި 70 ވަނަ މާއްދާގެ ބ ގެ ފަހަތަށް ދެ އަކުރެއް އިތުރުކޮށް، ޅ. ގެ ގޮތުގައި ފާސްކޮށްފައިވާ މާއްދާގައި ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކަށް ތިން ޝަރުތެއް ކަނޑައަޅާފައިވާތީ އެކަމަށް އިޝާރާތް ކުރައްވަމުން ގާސިމް ވިދާޅުވީ އެފަދަ މަސައްކަތްތަކަކީ ލޯކަލް އޮތޯރިޓީ ކުންފުނި ނިސްބަތްވާ ރަށުގައި ނުވަތަ ރަށްތަކުގައި އަމިއްލަ ފަރާތަކުން ކުރަމުންދާ އިގްތިސާދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ކަމުގައި ވެގެން ނުވާނެ ކަމަށް ބަޔާންކުރުމުން އޭގެ ފައިދާ ވާނީ ވެސް ރައްޔިތުންނަށް ކަމަށެވެ.

އޭގެ ސަބަބުން ރަށުގެ ރައްޔިތުންނާއި އާންމު ވިޔަފާރިތަކަށް ފައިދާވާނެ ކަމަށާއި މިއީ ކޮންމެހެން ގެންނަން ޖެހޭ އިސްލާހުތަކެއް ކަމަށް ގާސިމް ތަކުރާރުކޮށް އެ ބަޔާނުގައި ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނަށް މި ފަހަރު ގެނައި އިސްލާހުތަކުގެ ތެރެއިން އެއް އިސްލާހުގައިވާ ގޮތުން ނަމަ ރަށްރަށުގެ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން 10 މިލިއަން ވުރެ ދަށުގެ ވިޔަފާރި ނުކުރެވޭނެ އެވެ. އަދި ގާނޫނަށް ގެނައި އިސްލާހުގެ މާއްދާއާ ތައާރަޒުވާ ނަމަ އެ މާއްދާ އަށް ނުވަތަ އިސްލާހަށް އަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި އެފަދަ ވިޔަފާރީގެ ހަރަކާތްތައް ހުއްޓާލަން ވާނެ ކަމަށް ބަޔާންކޮށްފައި ވެ އެވެ.

މިސާލަކަށް މިހާރު އޮތް ކައުންސިލްތަކުގެ ދައުރު އަންނަ 2026 މޭ މަހަށް ހަމަވާތީ ދައުރުގެ ބާކީ މިހާރު އޮތީ ގާތްގަނޑަކަށް 10 މަސް ކަމުގައި ވާތީ ކައުންސިލްތަކުގެ އިހުލާސްތެރިވާން ޖެހޭނީ ގާނޫނުއަސާސީގައި ބުނާ ޔުނިޓަރީ ދައުލަތުގެ ވިސްނުމަށް. މި އިސްލާހުގެ ސަބަބުން އަސްލުގައި ފައިދާ ވާނީ ރައްޔިތުންނަށް، ސަރުކާރަކަށް ނޫން،"--- ގާސިމް

ލާމަރުކަޒީ ގާނޫނަށް ދެން ގެނައި އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ ފެނާއި ކަރަންޓު ފަދަ އަސާސީ ބޭނުންތަކަށް ދޫކުރާ ބިންތަކާއި އިމާރާތްތަކުން ކައުންސިލްތަކަށް ކުލި ނުނެގުމާއި ކައުންސިލްތަކުން އާމްދަނީ ހޯދަން ކުރާ މަސައްކަތްތަކުން ސަރުކާރަށް ޓެކްސް ދެއްކުމާއި ކައުންސިލްތަކުގެ އެކައުންޓުތަކުގައި ހުންނަ ފައިސާގެ މައުލޫމާތު ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭ އިން އެދިއްޖެ ނަމަ ދޭން ލާޒިމް ކުރުމެވެ.

ކައުންސިލްތަކުގެ ފަހު އަހަރު ކައުންސިލްގެ އިދާރާތަކަށް މުވައްޒަފުން ނެގުމާއި ބިންތައް ދޫކުރުމުގައި ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭގެ ހުއްދަ ހޯދަން ޖެހޭ އިސްލާހެއް ވެސް ވެސް ގާނޫނަށް ވަނީ ގެނެސްފަ އެވެ. އެ ކަމަކު އެ ހުއްދަ ނަގަން ޖެހޭނީ ހިނގަމުން އަންނަ ކައުންސިލްތަކުގެ ދައުރު ހަމަވާން އެއް އަހަރު ގުނަން ފަށާ ހިސާބުންނެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތައް ދިފާއު ކުރައްވަމުން ރައީސް މުއިއްޒު ބ. ދަރަވަންދޫގައި މިދިޔަ ހަފުތާގައި ވިދާޅުވީ، އެއީ އެ ނިޒާމު "ހަރުދަނާކުރުމަށް، ޗެމްޕިއަން ކުރުމަށް" ގެންނަންޖެހޭ އިސްލާހުތަކެއް ކަމަށެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާ އިދިކޮޅު އެމްޑީޕީން ވަނީ ދެކޮޅު ހަދައިފަ އެވެ. އަދި އެ އިސްލާހުތަކުގެ ސަބަބުން ކައުންސިލްތަކުގެ މާލީ ބާރުވެރިކަން ގެއްލޭ ކަމަށް ބުނެ ސަތޭކައާ ގާތްކުރާ އަދަދަކަށް ކައުންސިލްތަކުން ބަޔާން ނެރެފައި ވެ އެވެ.


ކޮމެންޓް