ހަބަރު

ޔާމީން ހެއްދެވީ ކަނޑައެޅިގެން ދޮގެއް ގާނޫނީ ފިޔަވަޅު އަޅާނަން: މައުމޫން

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަހު އަހަރު އެ މަނިކުފާނުގެ އެއްބަފާ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލަށްލީ، ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ކަމަށް ވިދާޅުވެ، ޔާމީން ދެއްކެވީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް މައުމޫންގެ އޮފީހުން ރޭ ބުނެފި އެވެ.

މިދިޔަ ހަފުތާގައި ދެއްވި އިންޓަވިއުއެއްގައި ދެންނެވި ސުވާލެއްގެ ޖަވާބުގައި ޔާމީން ވިދާޅުވީ، މައުމޫން ޖަލަލަށްލީ، ފެބްރުއަރީ 1، 2018 ގައި އޭރުގެ ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅުވައިގެން ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުން ކަމަށެވެ. އަދި އެ ކަމުގައި އުޅުއްވީ މައުމޫނާއި ދަރިކަލުން އަހުމަދު ފާރިސް މައުމޫން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. އެ ކަމަށް ބޭނުންވާ ފައިސާ ހޯދީ ޔާމީން ވިދާޅުވިގޮތުގައި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރުގެ އަތުންނެވެ.

އެކަމަކު، މައުމޫންގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، އެ މައުމޫން ރިޝްވަތު ދިން ކަމަށް ބުނެ ޔާމީން ދެއްކެވީ އެއްވެސް ހަގީގަތެއް ނެތް ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.

"ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވާފައިވާ ފަރާތަކުން، ކުޑަވެސް ހަގީގަތެއް އެކުލެވިގެން ނުވާ މިފަދަ ދޮގު ވާހަކަތައް މުޖުތަމައުގައި ފަތުރަމުން ގެންދިޔުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި ދެކެމެވެ. ރައީސް ޔާމީންގެ މި ވާހަކަތަކާ ގުޅިގެން ގާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އެޅުމުގެ ކަންކަން ކުރިއަށް ގެންދިޔުމާ މެދު ރައީސް މައުމޫން ގެންދަވަނީ ވިސްނަވާ ވަޑައިގަންނަވަމުންނެވެ،" ބަޔާނުގައި ބުންޏެވެ.

ޔާމީން އެ ގޮތަށް ވާހަކަފުޅު ދެއްކެވީ މައުމޫންގެ އޮފީހުގެ ބަޔާނުގައިވާ ގޮތުން މައުމޫންގެ ނަންފުޅު ކިލަނބު ކުރުމުގެ ގޮތުންނެވެ. އަދި އެއީ ވަރަށް ދަށު ދަރަޖައިގެ ދޮގު ވާހަކަތަކެއް ކަމަށް ވެސް ބުންޏެވެ.

މައުމޫން އޮފީހުން ބުނީ، ފެބްރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން ނެރުނީ މައުމޫނާ އެއްވެސް ވަރަކަށް ގުޅުން ހުރި ކަމެއްގެ އަމުރެއް ނޫން ކަަމަށެވެ.

"އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކޯޓު އަމުރެއް ހޯދުމުގެ ބޭނުމުގައި ނުވަތަ އެ ނޫން ވެސް ނިންމުމެއް ނިންމުމުގެ ގޮތުން، ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުގެ ހަޑި މުޑުދާރު އެއްވެސް އަމަލެއް ރައީސް މައުމޫން އަބްދުލްގައްޔޫމް ދުވަހަކު ވެސް ކުރައްވާފައެއް ނުވާނެ އެވެ،" ބަޔާނުގައި ބުންޏެވެ.

ކޮއްކޯފުޅު ޔާމީންގެ ވާހަކަތަކަށް ޖަވާބުދާރީވަމުން މައުމޫންގެ ފަރާތްޕުޅުން ނެރުއްވި ބަޔާނުގައި ބުނީ، ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ކަމަށް ވިޔަސް އަދި އޭގެ ކުރިންނާއި ފަހުން ވިޔަސް ރާއްޖޭގެ އެއްވެސް ކޯޓެއްގެ އެއްވެސް ފަނޑިޔާރަކަށް އަދި އެ ނޫން ވެސް ދައުލަތުގެ ކަމަކާ ހަވާލުވެ ހުންނެވި އެއްވެސް ބޭފުޅަކަށް މައުމޫންގެ ފަރާތްޕުޅުން ރިޝްވަތުގެ އެއްވެސް ފައިސާއެއް ނުވަތަ އެހެން އެއްޗެއް ދުވަހަކު ވެސް ދީފައި ނުވާނެ ކަމަށެވެ.

"ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ދިވެހި ލޮބުވެތި އެންމެހާ ރައްޔިތުންނަށް އަރުވަން ބޭނުންފުޅުވާ ޔަގީން ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ހިލާފު އެއްވެސް އަމަލެއް އެމަނިކުފާނުގެ ފަރާތްޕުޅުން ދުވަހަކު ވެސް ކުރައްވާފައި ނުވާނެ ކަމުގެ ޔަގީން ކަމެވެ،" މައުމޫންގެ އޮފީހުގެ ބަޔާނުގައި ވެ އެވެ.

ޔާމީން މިދިޔަ ހަފުތާގައި ވިދާޅުވިގޮތުގައި، މައުމޫނަށް އޭރު ފުލުހުން ކުރި ތުހުމަތުތަކާ ގުޅިގެން ފޯނާއި ލެޕްޓޮޕް ދެއްވަން އެދުމުން ޖަވާބަކަށް އައީ މޮބައިލް ފޯނު ނުގެންގުޅުއްވާ ކަމަށެވެ. އަދި ޝަރީއަތުގެ މަޖިލިހުގައި ވިދާޅުވީ އެހެން ކަަމަށް ޔާމީން ވިދާޅުވި އެވެ.

"ދެން މިކަން ނުވީމާ [މައުމޫންގެ ފޯނު ނުދެއްވީމާ] ޕޮލިސް އެ ހިސާބުން ދިޔައީ އޭގެ އޯޑަރެއް [މައުމޫން ހައްޔަރުކުރަން] ހޯދަން ކޯޓަށް. ގޮސްގެން ކޯޓުގެ ތެރެއިން އެކަންކަން އެ ކުރީ،" ޔާމީން ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ކްރިމިނަލް ކޯޓުގައި ދިފާއުވެވަޑައިގަތުމަށް ވެސް މައުމޫނަށް ފުރުސަތު ލިބިވަޑައިގެންނެވި ކަމަށާއި އެކަމަކު އެ ކަން ނުކުރައްވާ ކަމަށެވެ.

މި މައްސަލަތަކާ ވެސް ގުޅިގެން މައުމޫނާއި ޔާމީންގެ ގުޅުން ވެސް ވަރަށް ބޮޑަށް ގޯސްވެ، 2018 ގެ ރިޔާސީ އިންތިހާބުގައި މައުމޫން ހުންނެވީ އޭރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި އެ ފަހަރުގެ އިންތިހާބު ކާމިޔާބު ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކުގަ އެވެ. އަދި އެ ފަހަރު ރިޔާސީ އިންތިހާބު އެމްޑީޕީ ކޯލިޝަނަށް ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދޭން ކެމްޕޭންކުރަން މައުމޫނަށް 29 މިލިއަން ރުފިޔާ ދެއްވި ކަމަށް ޖާބިރު ފަހުން ވިދާޅުވި އެވެ. ނަމަވެސް މައުމޫން ވަނީ ޖާބިރު ވިދާޅުވި ވާހަކަތައް ދޮގުކުރައްވައިފަ އެވެ.

ޔާމީންގެ ވެރިކަމުގައި މައުމޫން ހައްޔަރުކުރީ ފެބްރުއަރީ 2018 އިގަ އެވެ. އަދި އެ މަނިކުފާނުގެ ފޯނު ދެއްވަން ފުލުހުން އެންގުމުން އެކަން ނުކުރެއްވުމުން އެއް އަހަރާއި ހަތް މަހުގެ މުއްދަތަށް މައުމޫން ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ.

އެކަމަކު، 2018 އިގެ ރިޔާސީ އިންތިހާބުން ޔާމީން ބަލިވުމާ އެކު، އިސްތިއުނާފް ނިމެންދެން ކަފާލާތުގެ ދަށުން މައުމޫން މިނިވަންކުރި އެވެ. އެ މަނިކުފާނު އެއްކޮށް މިނިވަންވީ އޮކްޓޫބަރު 18، 2018 ގައި ހައި ކޯޓުން ކުރި ހުކުމާ އެކުގަ އެވެ.

ހައި ކޯޓުގެ ޝަރީއަތުގެ އަޑުއެހުމުގައި އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަލީ ސަމީރު ވިދާޅުވެފައިވާ ގޮތުގައި މައުމޫން ނުދެއްވި ކަމަށް ބުނާ ފޯނާ ގުޅޭ މައުލޫމާތުގެ އިތުރުން އެ ފޯނުގައި އެ މަނިކުފާނުގެ މައްޗަށް ކުރި ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެއް ހުރިކަން އެނގޭނެ ގަރީނާއެއް ވެސް ދައުލަތުން ހުށަހަޅާފައެއް ނުވެ އެވެ.

އަދި ދަށު ކޯޓުގައި ދެ ހެކިވެރިޔަކު ހެކިބަސް ދީފައި ވިޔަސް، އެ މީހުންގެ ބަހުން ވެސް ހަމައެކަނި އެނގެން އޮތީ މައުމޫން ގެންގުޅުއްވި ކަމަށް ބުނާ ފޯނު ވީތަނެއް މައުމޫނަށް ބުނެދެވިފައި ނުވާ ކަން އެކަނި ކަން ވެސް ފަނޑިޔާރު ފާހަގަކުރެއްވި އެވެ.


ކޮމެންޓް