އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގައި އެންމެ އިތުބާރުކުރެވޭ އެއް ބައިވެރިޔާ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ 79 ވަނަ މިނިވަން ދުވަހާ ގުޅިގެން މަރުހަބާ ދަންނަވައި ރައީސް ވިދާޅުވީ، މިނިވަން ދުވަހުގެ ތަހުނިޔާ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް ދުރޫޕަދީ މުރުމޫ އާއި އިންޑިއާގެ ހުރިހާ ރައްޔިތުންނަށް އަރިސްކުރާ ކަމަށެވެ.
ކުރިއަށް އޮތްތަނުގައި އެ ގައުމަށް އިތުރު ކާމިޔާބީއަށް އެދޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ ތަރައްގީގައި އިންޑިއާއަކީ އެންމެ އިތުބާރު ކުރެވޭ ގައުމު ކަމަށާއި ދެ ގައުމުގެ ރައްޔިތުންގެ ގުޅުމާއި ތަރައްގީގެ ޕްރޮޖެކްޓްތަކުން ދެ ގައުމުގެ ވަރުގަދަ ގުޅުން ރަމްޒުކޮށްދޭ ކަމަށެވެ.
ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރަން މިދިޔަ މަހުގެ 25 ވަނަ ދުވަހު މޯދީ ވަނީ ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވައިފަ އެވެ. އެ ދަތުރުފުޅާ އެކު ދެ ގައުމުގެ ޒަމާންވީ ގުޅުން ވަނީ އިތުރަށް ބަދަހިވެފަ އެވެ.
ރާއްޖެ ވަޑައިގެން މޯދީ ވަނީ މުހިއްމު ހަތަރު އެމްއޯޔޫއަކާއި ތިން އެއްބަސްވުމެއްގައި ސޮއިކުރެއްވުމުގެ އިތުރުން ރާއްޖެއާ އެކު ފްރީ ޓްރޭޑް އެގްރީމެންޓެއްގެ މަޝްވަރާ ފެށިކަން ވެސް އިއުލާނު ކުރައްވައިފަ އެވެ.
ރާއްޖެއާ އެކު ސޮއިކުރި އެ އެއްބަސްވުންތަކުގެ ތެރޭގައި 565 މިލިއަން ޑޮލަރުގެ (8.7 ބިލިއަން ރުފިޔާ) ގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ވެސް ހިމެނެ އެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާ އެކު އިންޑިއާ އިން ހަދާފައިވާ އެލްއޯސީ އެއްބަސްވުމުގެ ފައިސާ އަނބުރާ ދެއްކުމުގައި ވެސް ލުއިތަކެއް ދީފައިވެ އެވެ.

ކޮމެންޓް