ހަބަރު

ލާމަރުކަޒީ ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލު، ރައީސް ތަސްދީގުކުރައްވައިފި

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 16 ވަނަ އިސްލާޙު ގެނައުމުގެ ބިލު، ރައީސް ޑރ މުހައްމަދު މުއިއްޒު، މިއަދު ތަސްދީގުކުރައްވައިފި އެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ވަނީ ފަސް އިސްލާހެއް ހުށަހަޅައިފަ އެވެ. ބިލުގައިވާ އިސްލާހުގައިވާ ގޮތުން ނަމަ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުއްޔެއް ނުނެގޭނެ އެވެ. 

އަދި ކައުންސިލްތަކަށް އާމްދަނީ ދޫކުރަންވާނީ އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއް ވާނަމަ އެ ޓެކުހަކަށްވާ ފައިސާއާއި، އާންމު ހިދުމަތަކަށް ކައުންސިލްތަކުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާނަމަ، އެ ފައިސާއެއް އުނިކުރުމަށްފަހު ބާކީވާ އަދަދެކެވެ.

އަދި ކައުންސިލްތަކުން ހުޅުވާފައިވާ ބޭންކު އެކައުންޓުތައް ބަލަހައްޓަންވާނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލާ އެއްގޮތަށް ކަމަށާއި، އެ އެކައުންޓުތަކުގެ ސްޓޭޓްމަންޓެއް ހޯދުމަށް އެ މިނިސްޓްރީން އެދިއްޖެ ހާލަތުގައި އެ މައުލޫމާތު ފޯރުކޮށްދޭންޖެހޭނެ ކަމަށް އިސްލާހުގައިވެ އެވެ.

މީގެ އިތުރުން އިސްލާހުގައި ވަނީ ލޯކަލް ކައުންސިލްތަކުގެ އުމުރު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަމަވުމާ ދެމެދު އަހަރު ދުވަހެއް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، ފިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ކަނޑައަޅާ އުސޫލުގެ ދަށުން މެނުވީ ބައެއް ކަންކަން ނުކުރުމަށެވެ.

ސަރުކާރުން ގެނައި މި އިސްލާހުތަކާ އިދިކޮޅު ފަރާތްތަކުން ވެސް ދެކޮޅެވެ. އަދި އެ އިސްލާހުތަކުގެ މަގުސަދަކީ ކައުންސިލްތަކަށް ލިބިދޭ ބާރުތައް ހަނިކޮށް، ސަރުކާރުން ކޮންޓްރޯލްކުރާ ބަޔަކަށް ކައުންސިލްތައް ހެދުންކަމަށް ތުހުމަތު ކޮށް އެމްޑީޕީން ވަނީ މި އިސްލާހު ތަސްދީގު ނުކުރުމަށް ގޮވައިލައިފަ އެވެ. 

ނަމަވެސް ރައީސް މުއިއްޒު ރޭ ވިދާޅުވީ ލާމަރުކަޒީ ނިޒާމު"އަލިފުން ޔާއަށް" އެނގިވަޑައިގަންނަވާ ކަމަށާއި އެއީ އެ މަނިކުފާނު ގަބޫލުކުރައްވާ ނިޒާމެއް ކަމަށެވެ.

ވެރިކަމަށް ވަޑައިގައިގަތުމުގެ ކުރިން މާލޭ މޭޔަރަކަށް ހުންނެވިއިރު، މާލޭގައި ލާމަރުކަޒީ ނިޒާމު ހިންގުމަށް ގޮންޖެހުންތަކާ ކުރިމަތިވި ކަމަށް ރައީސް ވިދާޅުވި އެވެ. ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކަކީ ރައްޔިތުންނަށް ކޮށްދޭ ކަމެއް ނޫން ކަމަށް ލޭބަލް ކުރަމުންދާ ކަމަށާއި އެކަން އޮތީ އެހެން ނޫން ކަަމަށް ރައީސް ވިދާޅުވި އެވެ.

"މިކަމުގައި ކޮބައިތޯ ރައްޔިތުން ބާރުވެރިކުރުވުން ނޫން ކަމެއް ޗެކް އެންޑް ބެލެންސް ގާއިމްކުރުން ނޫން ކަމެއް ގުޑް ގަވަނަންސް ނޫން ކަމެއް އަމިއްލަ ކުދި ވިޔަފާރިތައް ހިންގާ ފަރާތްތަކުގެ ވިޔަފާރިތއް ހިމާޔަތްކުރުން ނޫން ކަމެއް އަޅުގަނޑުމެން މި އިސްލާހުތަކުގެ ތެރެއިން ގެނެސްފައި؟ ނެތް،" ރައީސް ވިދާޅުވި އެވެ.

މިހާރު އޮތް ކައުންސިލުތަކުގެ ދައުރު އަންނަ މެއި މަހަށް ހަމަވާތީ ދައުރުގެ ބާކީ މިހާރު އޮތީ ގާތްގަނޑަކަށް 10 މަހެވެ. އެހެންކަމުން، މި އިސްލާހު ތަސްދީގު ކުރުމާ އެކު، މި ދައުރުގެ ބާކީ މި އޮތް މުއްދަތު ތެރޭ މާލީ ކަންކަމާ ގުޅޭ އެ ތިން ކަމުން ކަމެއް ކުރެވޭނީ ސަރުކާރުގެ ހުއްދައާ އެކު އެވެ.

ބިލުގައި ކައުންސިލަށް ވިޔަފާރި ކުރުމަށް މިހާރު އޮތް ފުޅާ ފުރުސަތު ވަނީ އިސްލާހުގައި ހަނިކޮށްފަ އެވެ. އެގޮތުން، އެ ވިޔަފާރިއެއްގައި ހުންނަން ޖެހޭ މައިގަނޑު ތިން ޝަރުތުތައް ކަނޑައަޅާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:




އެ މަސައްކަތަކީ އެލްޖީއޭން ކުންފުނި ނިސްބަތްވާ ރަށުގައި ނުވަތަ ރަށްތަކުގައި އަމިއްލަ ފަރާތްތަކުން ކުރަމުންދާ އިގްތިސާދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ކަމުގައި ނުވުން

އެއީ ރަށުގެ ނުވަތަ ރަށްތަކުގެ އުމްރާނީ ތަރައްގީއަށް ކޮންމެހެން ކުރަން ޖެހިފައިވާ މަސައްކަތެއް ކަމުގައިވުން

އެ މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސުލްމާލުގެ އަދަދު 10 މިލިއަން ރުފިޔާއަށް ވުރެ ބޮޑުވުން

ރައީސް މި ބިލު ތަސްދީގުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކުރެއްވުމާއެކު، މި އިސްލާޙަށް މިހާރު ވަނީ އަމަލުކުރަން ފަށާފަ އެވެ.


ކޮމެންޓް