ހަބަރު

ރައްޔިތުން ބޭނުންވާގޮތަށް މަޝްރޫއުތައް ކުރިއަށް ގެންދާނަން: ރައީސް

ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަވާނީ ރައްޔިތުން ބޭނުންވާގޮތަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއއިްޒު ވިދާޅުވެއްޖެއެވެ.

ރައީސް، ބ. އަތޮޅަށްކުރެއްވި ދަތުރުފުޅުގެ އެންމެ ފަހުގެ މަންޒިލަކަށް އެއަތޮޅު މާޅޮހަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވައި ދެެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެރަށުގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ފެށުމަށް ނިންމަވާފައިވާ ކަމަށެވެ. އެގޮތުން ރައީސް ވިދާޅުވީ، މާޅޮހުގެ ރައްޔިތުންގެ ތަރައްޤީއަށް ބޭނުންވާ ހުރިހާ ކަމެއްގައި ރައްޔިތުން އެދޭގޮތަށް އެ މަޝްރޫއުތައް ނިންމުމަށް ސަރުކާރުން އިސްކަންދެއްވާނެކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އެރަށުގައި މިހާރު ކުރިއަށްގެންދާ ބަނދަރާއި، ބޭރުތޮށި އަދި އެއްގަމު ތޮށީގެ މަސައްކަތްތަކުގެ އިތުރުން، ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ކުރިއަށް ގެންދާ މަޝަރޫއުއަކީ ފައިސާއާ ގުޅިފައި ހުރި ކަންކަމަށްވެފައި ގިނަ ވަގުތު ނެގި ނަމަވެސް، މިހާރު އެކަމުގައި ކުރިއަށް ދެވޭނެ މަގުތަކެއް ވަނީ ހަމަޖެހިފައެވެ.

އަދި އެރަށުގައި ކުޅިވަރުގެ ދާއިރާއިން ވެސް އިތުރު ކުރިއެރުންތަކެއް ގެނައުމަށްޓަކައި، މި އަހަރުގެ ތެރޭގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް އެޅުމާއި، އައުޓްޑޯ ޖިމެއް ޤާއިމްކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ރަށުގައި ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ޓަކައި ޕަމްޕިންގ ނިޒާމެއް ޤާއިމްކުރުމަށް ވެސް ސަރުކާރުން އިސްކަންދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ދަތުރުފުޅުގައި އޭޓީއެމް ޚިދުމަތް ވެސް ވަނީ އެރަށުގައި ފަށާފައެވެ. އަދި ފުލުހުންގެ މަރުކަޒެއްގެ މަސައްކަތް ވެސް ވަނީ ފެށިފައެވެ.

އަޅުގަނޑުމެން އިސްކަންދެނީ، މިހެން ހުރި ކަންކަން ނިންމަން. އާބާދީއަކަށް ނުބަލަން. އާބާދީ ކިތަންމެ ކުޑަވިޔަސް، ކޮންމެ ދިވެހި ރައްޔިތަކަށް ހަމަހަމަކަމާ އެކީގައި، ކަންކަން ފުރިހަމަކޮށްދިނުމަކީ އަޅުގަނޑުގެ މައިގަނޑު ފަލްސަފާއެކީ. އެހެންވީމާ، އެގޮތުން ހުރިހާ ރަށެއްގައި މި ކަންކަން ކޮށްދިނުމަށް މަސައްކަތް މި ކުރަނީ، - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއއިްޒު

މާޅޮހުގެ ޞިއްޙީ މަރުކަޒުގެ މަޝްރޫޢުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށިގެންދާނެކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވިއެވެ. އަދި ޒަމާނީ ފެންވަރަށް ތަރއްގީ ކުރުމަށް އެރަށުގެ މިސްކިތުގެ މަަސއްކަތް ފެށިފައިވާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އެރަށު ސްކޫލަށް މަލްޓި ޕާޕޯސް ހޯލަކާއި، ކްލާސްރޫމްތަކާއި، ސްޓާފްރޫމާއި އަދި ސައިންސް ލެބް ގާއިމްކޮށް ސްކޫލު ތަރައްގީކުރުމުގެ މަޝްރޫއާއި ރައްޔިތުން ބޭނުންވާ ކޮންސެޕްޓަކަށް ރަށުގެ މަގުތައް ހެދުމުގެ މަޝްރޫުއުވެސް ކުރިއަށް އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، މާޅޮހުގެ ރައްޔިތުންގެ ތަރައްޤީއަށް ބޭނުންވާ ހުރިހާ ކަމެއްގައި ވަރަށް އިސްކަމެއް ދީގެން، އެމަނިކުފާނުގެ ވަޢުދުތަކާއި އެއްގޮތަށް އަދި އޭގެ އިތުރަށް ވެސް އެރަށުގައި ހުރި ކަންކަން ކޮށްދިނުމުގައި މި ސަރުކާރުން ތިބޭނީ މާޅޮހުގެ ރައްޔިތުންނާ އެކުގައިކަމަށެވެ.

ރައީސް ބ. އަތޮޅަށް ކުރެއްވި މި ދަތުރުފުޅުގެ ތެރެއިން ވަނީ، މާޅޮހު ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށު ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ރައީސްގެ މިދަތުރުފުޅުގައި ، މާޅޮހު ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް އެރަށުގައި ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. އަދި އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީންއާއި، އެމްޓީސީސީ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢުދީ އަދި މާޅޮހު ކައުންސިލްގެ ރައީސްވެސް ބައިވެރިވެވަޑައިގަތެވެ.

މީގެ އިތުރުން، މާޅޮހުގައި އޭޓީއެމްގެ ޚިދުމަތް ވެސް ރައީސް ވަނީ ފައްޓަވާދެއްވާފައެވެ. މިއާއެކު ބ. އަތޮޅުގެ ހުރިހާ ރަށެއްގައި މިވަނީ އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރެވިފައެވެ.


ކޮމެންޓް