އެ މަނިކުފާނުގެ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ ފަޅީގައި ތިބެގެން ކަމަށާއި އެ އަށް ވުރެ މުހިންމު އެހެން ކަމެއް ނޯންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އެހެން ވިދާޅުވީ މިހާރު ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު އެ އަތޮޅު ހިތާދު އަށް ވަޑައިގެން ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުންނެވެ.
"ރައްޔިތުންނަށް ބޭނުންވާ ވަރަށް ވުރެ މުހިންމު ކަމެއް ނޯންނާނެ އަޅުގަނޑަކަށް އަދި މި ސަރުކާރަކަށް،" ރައީސް ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ މިދިޔަ ދޮޅު އަހަރުގެ ތެރޭގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ގިނަ ފިޔަވަޅުތައް އަޅުއްވާފައިވާނެ ކަމަށެވެ.
އެގޮތުން ހުރިހާ ރަށަކަށް ވެސް ހަމަހަމަ އުސޫލެއްގެ ތެރެއިން ހިދުމަތް ދީ، ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ކުންފުނިތަކާއި ހަވާލުކޮށް، ބައެއް މަޝްރޫއުތައް ހިނގަމުންދާކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ބައެއް ރަށްރަށުގެ ތަރައްގީއަށް ފަށާ މަޝްރޫއުތަކާ މެދު ރައްޔިތުންގެ ކަންބޮޑުވުން ހުރިކަން އެނގިވަޑައިގަންނަވާ ކަމަށާއި އެ ފަދަ މަޝްރޫއުއެއް ރައްޔިތުން ބޭނުން ނުވާ ގޮތަކަށް ނުފައްޓަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ބައެއް ރަށްރަށުގައި ގާ އެތުރުމާއި ތާރު އެޅުމަށް އެ ރަށްރަށުގެ ރައްޔިތުން ބޭނުން ނުވާތީ ސަރުކާރުން އެ މަޝްރޫއުތައް ހިންގާނީ އެ ކަންކަމަށް ބަލައިގެން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. އެހެންވެ، ހިތާދޫގެ މަގުތައް ވެސް ހަދާނީ އެ ރަށުގެ ރައްޔިތުން ބޭނުންވާ ކޮންސެޕްޓަކަށް ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނުގެ ދަތުރުފުޅުގައި މިއަދު ވަނީ ހިތާދޫގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އަދި އެ ރަށު ސްކޫލްގައި މަލްޓިޕާޕަސް ހޯލެއް އިމާރާތްކުރުމުގެ މަސައްކަތް އެފްޑީސީއާ ވެސް މިއަދު ހަވާލުކުރި އެވެ.
މަލްޓިޕާޕަސް ހޯލްގެ މަސައްކަތް އެފްޑީސީއާ ހަވާލުކުރި ޑިޒިން އެންޑް ބިލްޑް އުސޫލުންނެވެ.

ކޮމެންޓް