ބ. ފުޅަދޫ ކައިރީގައި އޮންނަށް އިންނަފުށި ފަޅުރަށް، ކައުންސިލާއި ހަވާލުކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީއެކު މަޝްވަރާކުރެވި ވަކި ޕްލޭންއެއްގެ ދަށުން ހާވަލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއެވެ.
ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ ބ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިރޭ އެ ރަށުގެ ރައްޔިތުންނާއި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ފުޅަދޫއަކީ ޓޫރިޒަމް ފުޅާވެފައިވާ ރަށަކަށްވުމާއެކު ރަށުގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެރަށުކައިރީގައި އޮންނަށް އިންނަފުށި އެރަށު ކައުންސިލަށް ހަވާލުކުރުމަށް އެންވަޔަމަންޓް މިނިސްޓްރީއާ އެކު ޕްލޭން ތަކެއް ކުރެވިގެން ހަވާލުކުރާނެ ކަމަށެވެ. އަދި އެރަށް ރަނގަޅަށް ބެލެހެއްޓި އެރަށުން އެކަށީގެންވާ އާންމުދަނީއެއް ރަށަށާއި ކައުންސިލަށް ފައިދާއެއް ލިބޭނެގޮތެއް ހަމަޖެހުމަކީ އުންމީދެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި އިންނަފުށި ބަލަހައްޓާނެ ފަރާތެއް ނެތި އެހެން އޮންނާތީ އެރަށް މިހާރު އޮތީ ވަރަށް ބޮޑަށް ކުނި ގިނަވެފައެވެ. އަދި އެ ރަށް ނުބެލެހެއްޓި އޮންނަ މައްސަލައަށް ހައްލެއް ގެންނަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އިރާދަކުރެއްވިޔާ ރަނގަޅު ޕްލޭނެއް، ކައުންސިލާ އެންވަޔަރަމަންޓް މިނިސްޓްރީއާއި ދޭތެރޭގައި ޕްލޭނެއް ހެދި، އެޕްލޭނާއި އެއްގޮތައް ރަނގަޅު ޕްލޭން އަކާއި އެކު އިންނަފުށި މި ރަށުގެ ކައުންސިލާ އަޅުނގަޑުމެން ހަވާލު ކުރާނަން, - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު
ރައީސް ވިދާޅުވީ ރަނގަޅު މެނޭޖްމަންޓު ޕްލޭނެއްގެ ދަށުން، އެރަށުން ކައުންސިލަށް އާމްދަނީ ލިބޭނެވަރާއި އެއިން ކައުންސިލަށް ލިބޭނެ އިންސައްތަވެސް އެނގިގެންދާނެ ކަމަށެވެ. އަދި ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަށްފަހު މާ ލަސްތަކެއް ނުވެ އެމަސައްކަތް ކުރިއަށްގެންދަވާނެ ކަމަށް ރައީސް ވިދާޅުވެފައެވެ.
ކައުންސިލަށް ލިބޭ އާންމުދަނީ ދައުލަތުގެ މާލިއްޔަތުން ދޫކުރަންޖެހޭނީ ކިހާ އިންސަތައެއް ކަން ހާމަކުރުމުގެ މަސައްކަތްތައް ހާމަކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރަށް ގިރުމުގެ މައްސަލަ ބޮޑުވެފައިވާތީ އެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށާއި ރަށުގެ ފެނުގެ ހާލަތު ގޯސްވެފައިވާތީ ފެނާއި ނަރުދަމާގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަށް ވެސް ރައީސް ވަނީ ދެއްވާފައެވެ.

ކޮމެންޓް