ހަބަރު

ޑިޖިޓަލް އިކޮނޮމީ ފުޅާ ކުރުމަށް މޯލްޑިވްސް ޑިޖިޓަލް ޕާޓްނާޝިޕް އެއްބަސްވުން އެކުލަވާލައިފި

ރާއްޖޭގެ ޑިޖިޓަލް އިކޮަނޮމީ ފުޅާ ކުރުމަށްޓަކައި "މޯލްޑިވްސް ޑިޖިޓަލް ޕާޓްނާޝިޕް" އެއްބަސްވުން އެކުލަވާލައިފިއެވެ.


މި އެމް.އޯ.ޔޫ އަކީ ދިވެހިރާއްޖެއަށް ޒަމާނީ އީޖާދުތައް ތައާރަފުކޮށް ޑިޖިޓަލް ޓެކްނޮލޮޖީތައް ބޭނުންކުރުން ހަލުވިކުރުމަށާއި އޭގެ ޒަރިއްޔާއިން ރައްޔިތުންނަށް ލުއިފަސޭހަކޮށް ހިދުމަތްތައް ދިނުމަށާއި ވަކިން ހާއްސަކޮށް އަދުގެ ސަރުކާރުގެ އެއް އަމާޒުކަމަށްވާ ޑިޖިޓަލް އިކޮނޮމީ ފުޅާކުރުމުގެ ދަށުން ކޭޝްލެސްކޮށް، މުޖުތަމައުގެ އެންމެނަށް ލުއި ފަސޭހަގޮތަކަށް ވިޔަފާރީގެ އަދި އެނޫންވެސް ފައިސާގެ މުއާމަލާތްތައް ހިންގޭނެ މަގުތައް ފަހިކޮށްދިނުމުގެ މަގުސަދުގައި އެކުލަވާލާ އެއްބަސްވުމެކެވެ.

މި އެއްބަސްވުން އެކުލަވާލާފައިވަނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ (ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ)، މާސްޓަރ ކާޑް އަދި ބޭންކް އޮފް މޯލްޑިވްސްއާ ދެމެދުއެވެ.

ފަސް އަހަރު ދުވަހުގެ މުއްދަތަށް ދެމިގެންދާ މި އެމް.އޯ.ޔޫގެ ދަށުން މައިގަޑު 7 ދާއިރާއިންމަސައްކަތްތަކެއް ކުރުމަށްވަނީ އެއްބަސްވެފައެވެ.

އޭގެ ތެރޭގައި ހިމެނޭ އެއް ކަމަކީ އެން.ސީ.އައި.ޓީ އިން ތަރައްޤީކޮށް ބަލަހައްޓަމުންދާ ދިވެހިރާއްޖޭގެ ޤައުމީ ޑިޖިޓަލް އައި.ޑީ ގެ ނިޒާމް ކަމަށްވާ އީފާސް އާއި ސްމާޓް އައި.ޑީގެ ތެރެއިން އިލެކްޓްރޯނިކްކޮށް ނުވަތަ ޑިޖިޓަލްކޮށް ފައިސާގެ މުއާމަލާތްތައް ހިންގޭނެ ހަރުދަނާ ސިސްޓަމްތަކެއް ޤާއިމްކުރުމެވެ.

މީގެ އިތުރުން ސައިބަރ ސެކިއުރިޓީ ވަރުގަދަކޮށް، ޑިޖިޓަލް ޕޭމަންޓް ސިސްޓަމްތައް އިތުރަށް ހަރުދަނާކޮށް މުއާމަލާތްތަކުގެ ރައްކާތެރިކަން އިތުރަށް ކަށަވަރުކޮށް އޭގެ ސަބަބުން ސްކޭމްތަކާއި އެނޫންވެސް މަކަރާއި ހީލަތުން ހިންގާ މުއާމަލާތްތައް މަދުކުރުން ހިމެނެއެވެ.

އަދި މާސްޓަރ ކާޑްގެ ފަންނީ ތަޖުރިބާ ހިއްސާކޮށް އޭގެ އެހީގައި ދިވެހިރާއްޖެއަށް ކުރިއެރުން ހާސިލްކުރެވޭނެ ގޮތްތައް ހޯދައި މި ތިން މުއައްސަސާއިން ގުޅިގެން މަސައްކަތް ކުރެވޭނެމަގު ހުޅުވިގެންދާނެއެވެ.


ކޮމެންޓް