ހަބަރު

ނޭކުރެންދޫގައި ބެހެއްޓި 400 ކިލޯވޮޓުގެ އާ ޖެންސެޓް ބޭނުންކުރަން ފަށައިފި

ހދ. ނޭކުރެންދޫއަށް ގެންދިޔަ 400 ކިލޯވޯޓުގެ އައު ޖެންސެޓް އިންސްޓޯލްކުރުމަށްފަހު، ބޭނުން ކުރަން ފަށަފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކައިން "އެކްސް"ގައި ކުރި ޕޯސްޓުގައި ބުނީ، ނޭކުރެންދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކަައި އެރަށަށް ގެންގޮސްފައިވާ 400 ކިލޯވޮޓުގެ އައު ޖެންސެޓް އިންސްޓޯލުކުރުމަށް ފަހު ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. މިއާއެކު އެރަށުގެ ކަރަންޓު މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް ފެނަކައިން ބުންޏެވެ. 

ފެނަކައިން ރާއްޖޭގެ ރަށްތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންދާތާ ދުވަސްތަކެއްވެފައިވާއިރު ގިނަ ރަށްތަކުގެ ޖެންސެޓުތަކުގެ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް އެކުންފުނިން ކުރިން ވަނީ ފާހަގަކޮށްފައެވެ. މީގެ ކުރީގެ ސަރުކާރުތަކުން ރަށްރަށަށް ފޯރުކޮށްދެމުންދާ ކަރަންޓަށް އިހުމާލުވެފައިވާކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

އަތޮޅުތެރޭގެ ރަށްރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތައް ހައްލުކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އާބާދީ ކުދި ރަށްތަކާއި، އާބާދީ ބޮޑު ސިޓީތަކުގައިވެސް ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން އަންނަނީ އިންޖީނު އިންސްޓޯލް ކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.


ކޮމެންޓް