ތުރުކީން ހަދިޔާކުރާ އަސްކަރީ މަނަވަރު މިއަދު ރާއްޖެ ގެނެސްފި އެވެ.
އެނގިފައިވާ ގޮތުގައި ޑޯގަން-ކްލާސްގެ މިސައިލުން ހަމަލާދިނުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދެއް ކަމުގައިވާ ޓީސީޖީ ވޮލްކަން (ޕީ-343) މަނަވަރު މިހާރު އޮތީ މާލެ ސަރަހައްދުގަ އެވެ. އަދި އަންނަ ހަފުތާގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި އެ މަނަވަރު އިފްތިތާހުކުރާނެ ކަމަށްވެ އެވެ.
ތުރުކީގެ އަސްކަރީ އުޅަނދުތަކުގެ މައުލޫމާތު ޝާއިއުކުރާ ވެބްސައިޓުގައިވާ ގޮތުން އެ ގައުމުން ހަދިޔާކުރާ މަނަވަރަށް މިއީ 45 ވަނަ އަހަރެވެ. ނަމަވެސް މަރާމާތުތަކަށް ފަހު، ޓެސްޓް އަދި ތަމްރީނު އުޅަނދެއްގެ ގޮތުގައި މިދިޔަ އަހަރު އެ މަނަވަރު ވަނީ އަލުން ގިންތިކޮށްފަ އެވެ.
ރާއްޖޭގެ ޑިފެންސް މިނިސްޓްރީން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނީ ތުރުކީން އެ މަނަވަރު ހަދިޔާކުރަން ނިންމީ ރާއްޖޭގެ އަސްކަރީ ގާބިލްކަން އިތުރުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތްޕުޅުގެ ދަށުން ކަމަށެވެ.
އެ މަނަވަރު އޮޕަރޭޓްކުރުމަށް ދިވެހި ސިފައިންނަށް މިދޔަ ދެތިން މަސް ދުވަހުގެ ތެރޭގައި ވަނީ ތަމްރީނު ވެސް ދީފަ އެވެ.
ޑޯގަން-ކްލާސްގެ އުޅަނދުތައް ފަރުމާކޮށްފައިވަނީ ޖަރުމަނުގެ ކުންފުންޏެއް ކަމަށްވާ ލޫރްސެން ވެރްފްޓްއިންނެވެ. އެއީ 20 ވަނަ ގަރުނުގެ ފަހުކޮޅު ތުރުކީވިލާތުގެ ކަނޑުގެ ސިފައިންގެ ގާބިލުކަން އިތުރު ކުރުމުގައި މުހިންމު ދައުރެއް އަދާކުރި އުޅަނދުތަކެކެވެ. ހާއްސަކޮށް މިއީ ހާޕޫން އެންޓި-ޝިޕް މިސައިލްތަކާ އެކު ތައްޔާރުކުރި ފުރަތަމަ ގިންތީގެ އުޅަނދުތަކެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެންމެ ފުރަތަމަ ދަތުރުފުޅު ކުރެއްވީ ތުރުކީއަށެވެ. އެ ދަތުރުފުޅުގައި އަސްކަރީ ގިނަ މަޝްވަރާތަކެއް ކުރައްވާފައިވާއިރު، ތުރުކީގެ އަސްކަރީ ޑްރޯންތަކެއް ވެސް ރާއްޖޭން ގަނެ މިހާރު އަންނަނީ ބޭނުންކުރަމުންނެވެ.

ކޮމެންޓް