ހަބަރު

ނޯތު ހާބަރަށް ބަދަލުތަކެއް ގެންނާނީ މަސްވެރިންގެ ލަފަޔާ އިރުޝާދާއެކު: އެމްޕީއެލް

މާލޭ ނޯތު ހާބަރަކީ އެމްޕީއެލްގެ ބެލުމުގެ ދަށުގައިވާ ތަނަކަށް ވިޔަސް އެތަނަށް ގެންނަ ކޮންމެ ބަދަލަކީ މަސްވެރިންނާއި މަޝްވަރާކޮށް، މަސްވެރިންގެ ލަފަޔާއި އިރުޝާދުގެ ދަށުން ކުރާނެ މަސައްކަތެއް ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވިދާޅުވެއްޖެއެވެ.

އެމްޕީއެލްއިން މިހެން ވިދާޅުވީ ނޯތު ހާބަރު ސަރަހައްދުގައި ހުންނަ މަސްވެރިން ބޭނުންކުރާ ސަރަހައްދަށް ބަދަލުތައް ގެނައުމާއި ގުޅޭގޮތުން މަސްވެރިންނާ ބައްދަލުކޮށް ހިޔާލު ހޯދުމަށް ރޭ ބޭއްވި ބައްދަލުވުމެއްގައެވެ.

މިދިޔަ ޖޫން މަހުގެ ތެރޭގައި އެމްޕީއެލްއާ ހަވާލުކުރެވުނު މާލޭގެ ވިޔަފާރި ބަނދަރާއި ނޯތު ހާބަރު ސަރަހައްދު (މަސްމާރުކޭޓު ސަރަހައްދާއި އެ ސަރަހައްދުގެ ކުރިމަތީގައި އޮންނަ ލޯކަލް މާރުކޭޓުގެ ހުރަސްތޮއްޓާ ހަމައަށް) ބަލަހައްޓަމުން ދަނީ އެމްޕީއެލްއިންނެވެ.

އެތަނާ ހަވާލުވުމަށްފަހު މަސްވެރިންނާއެކު ބޭއްވި ފުރަތަމަ ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާން ވިދާޅުވީ ނޯތު ހާބަރު ސަރަހައްދުގައި މަސްވެރިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް މަސްވެރިންނާއި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މަސްވެރިންނަށް ފަސޭހަވާނެ ގޮތަށް ގިނަ ހިދުމަތްތަކެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ރިޝްވާން ވިދާޅުވިއެވެ. އެގޮތުން ފެނާއި، ކަރަންޓު، އައިސް އަދި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރިޝްވާން ވިދާޅުވި ގޮތުގައި 2027ގެ ނިޔަލަށް ނޯތު ހާބަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން މުޅިން ހައްލުވާނެއެވެ. ނަމަވެސް އޭގެ ކުރިން އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ ހިދުމަތްތައް ގާއިމްކޮށް، ޖާގައިގެ ދަތިކަމަށް ލުޔެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރިޝްވާން ވިދާޅުވިއެވެ.

"މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއަހައި އެކަން ހައްލުކުރުމަށް ދަނީ މަސައްކަތް ކުރަމުން. އެގޮތުން މަސްވެރިންގެ ގާތަށް އަޅުގަނޑުމެންނަށް ގޮސް ހިޔާލު ހޯދާނެ. މަސްވެރިންނާއި ގުޅިގެން ކަންކަން ހައްލުކުރުމަށް މަސައްކަތް ކުރާނަން، ގެންނަ ކޮންމެ ބަދަަލަކީ ތިބޭފުޅުންގެ ލަފަޔާއި އިރުޝާދުގެ ދަށުން ގެނެވޭނެ ބަދަލެއް." ރިޝްވާން ވިދާޅުވިއެވެ.

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު މުއީނު ވިދާޅުވީ، މަސްވެރިންގެ ހިޔާލާއެކު އެ ސަރަހައްދަށް ގެންނަ ބަދަލުތައް ގެނައުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އޭގެ ތެރެއިން އެންމެ މުހިންމު ބަޔަކީ މަސްވެރިންނަށް ހާއްސަ ސަރަހައްދުކަމަށް މުއީން ވިދާޅުވިއެވެ.

"މަސްވެރިންނަށް ހާއްސަކޮށްގެން އަތުރާލާ ޕްލޭންގައި މިހުރި ކަންކަން އަޅުގަނޑުމެން ކުރިއަށް ގެންދާނީ އެބޭފުޅުންނާއި މަޝްވަރާކޮށް ކިހިނެތްތޯ އެ ބޭފުޅުން ބޭނުންވަނީ،" މުއީނު ވިދާޅުވިއެވެ.


ކޮމެންޓް