ހައްޖު ކޯޕަރޭޝަނުން ޓޫރިޒަމް ވިޔަފާރިއަށް ވަންނަން އެއްވެސް ގޮތަކަށް ތާއީދު ނުކުރައްވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ރާއްޖެ އިން މީހުން ހައްޖަށް ފޮނުވުމަށް އުފައްދާފައިވާ ސަރުކާރުގެ ކުންފުނިން ސަރުކާރަށް ފައިދާވާނެ ގޮތް ހެދުމަށް ކަމަށް ބުނެ ހަލާލު ޓޫރިޒަމަށް ވަކި ކުންފުންޏެއް އުފައްދައި މާފުށީގައި ހޮޓަލެއް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާން ކުރުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން މިނިސްޓަރު "މިހާރު" އަށް ވިދާޅުވީ ހައްޖު ކޯޕަރޭޝަނުން ސިޓީ ހޮޓަލެއް އިމާރާތްކޮށް، ޓޫރިޒަމްގެ ވިޔަފާރި އަށް ވަނުމާ އޭނާ ކަނޑައެޅިގެން ދެކޮޅު ކަމަށެވެ. އެކަމުގައި ކޯޕަރޭޝަނުން މިނިސްޓްރީއާ އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.
ހައްޖުގެ ކަންކަމަށް މީގެ 12 އަހަރު ކުރިން ހާއްސަ ކުންފުންޏެއް އުފެއްދީ ވެސް އިސްލާމިކް މިނިސްޓަރަކަށް ޝަހީމް ހުންނެވި ދުވަސްވަރުގަ އެވެ. އެއީ، ހައްޖަށް ގެންދާނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު ލަނޑުދިން މައްސަލަތަކެއް ފެންމަތިވުމުންނެވެ.
ޝަހީމް ވިދާޅުވި ގޮތުގައި ރިސްކު ބޮޑު ކަންކަމުގެ ތެރެއަށް ހައްޖު ކޯޕަރޭޝަނުން ނުވަދެ، އެ ފަންޑު މެނޭޖު ކުރެވޭނެ ގޮތްތައް ހުންނާނެ ކަމަށެވެ.
"އަޅުގަނޑާ ސަރުކާރުން ހައްޖު ކޯޕަރޭޝަން ހަވާލުކޮށްފައި އޮންނަނީ. މަޖިލީހަށާއި ވަޒީރުންގެ މަޖިލީހަށް ވެސް ޖަވާބުދާރީވާ ގޮތަށް އޮންނަނީ އަޅުގަނޑު. ނަމަވެސް، ތި ކަންކަމާ އެއްވެސް މަޝްވަރާއެއް އަޅުގަނޑާ ކޮށްފައެއް ނުވޭ. ތިކަން ދާ ގޮތެއް ތިކަމުގެ ފީސިބިލިޓީއެއް އަޅުގަނޑު ނުދެކެން،" ޝަހީމް ވިދާޅުވި އެވެ.
ހައްޖު ކޯޕަރޭޝަނުން އިއްޔެ ބުނީ ހޮޓާ އަޅާނީ "މާފުށީ އިސްލާމިކް ޓޫރިޒަމް ޕްރައިވެޓް ލިމިޓެޑް" (އެމްއައިޓީ) ގެ ޕްރޮޖެކްޓެއްގެ ގޮތުގައި ކަމަށެވެ. އެމްއައިޓީއަކީ ހައްޖު ކޯޕަރޭޝަންގެ ސަބްސިޑަރީ ކުންފުންޏެކެވެ.
ހައްޖު ކޯޕަރޭޝަނުން ޓޫރިޒަމް ވިޔަފާރި އަށް ވަންނަން އެއްގޮތަކަށް ވެސް ތާއީދެއް ނުކުރަން: ޝަހީމް

ކޮމެންޓް