ފެނަކަގެ ކުރީގެ އެމްޑީ އަހުމަދު ސައީދު މުހައްމަދުގެ ޕާސްޕޯޓު ދޫނުކުރަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
ސައީދުގެ މައްޗަށްކުރާ ދައުވާގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މިއަދު ކުރިއަށް ގެންގޮސްފައިވަނީ، ސައީދުގެ މައްޗަށް މި ކުރާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.
މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ސައީދުގެ ފަރާތުން ވަނީ މެޑިކަލް ޑޮކިއުމެންޓެއް ހުށަހަޅައި، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް އޭނާގެ ޕާސްޕޯޓު ދޫކޮށްދިނުމަށްއެދިފަ އެވެ. ނުވަތަ ވަގުތީ ލިޔުމެއްގެ ދަށުން އޭނާއަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދެވޭނޭގޮތެއް ހަދައިދިނުމަށް އެދިފައިވެ އެވެ.
ސައީދުގެ ފަރާތުން މިގޮތަށް ހުށަހެޅުމުން ޕީޖީ އޮފީހުން މިއަދުގެ އަޑުއެހުމުގައި ބުނެފައިވަނީ، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ޕާސްޕޯޓު ދޫކުރުމުގައި ބަލަންޖެހޭނެ ކަންކަން، އަހުމަދު މޫސާ މުޙައްމަދު (އައްމަޓީ)ގެ މައްސަލައިގައި މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާފައިވާ ކަމަށެވެ. އެގޮތުން ބޭރަށް ދެވޭނީ ރާއްޖެއިން ކުރެވެން ނެތް ފަރުވާއެއް ކުރަންޖެހޭނަމަކަން ފާހަގަކުރި އެވެ. ނަމަވެސް ސައީދު ހުށަހަޅާފައިވާ ލިޔުންތަކުން އެއީ ރާއްޖެއިން ނުކުރެވޭނެވަރުގެ ފަރުވާއެއްކަން އެނގެން އެނގެން ނެތް ކަމަށެވެ. އެހެންކަމުން އޭނާގެ ޕާސްޕޯޓު ދޫކުރުމަށް ދައުލަތުން ވަނީ އިއުތިރާޒު ކޮށްފަ އެވެ.
މިކަމާއި ގުޅިގެން މައްސަލަ ބައްލަވާ ގާޒީ ނިންމެވީ އޭނާގެ ޕާސްޕޯޓު ދޫނުކުރުމަށެވެ.
މި މައްސަލަ މިހާރު އޮތީ އިބްތިދާއީ މަރުހަލާނިމި ޝަރީއަތް ފެށުމުގެ މަރުހަލާގަ އެވެ.
ދައުވާގެ ތަފްސީލު:
މި މައްސަލައިގައި ޕީޖީ އޮފީހުން މީގެކުރިން ބުނެފައިވަނީ، 2018 އަހަރު ފެނަކައާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މަސައްކަތް ފުރިހަމަ ކޮށްފައިނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށް، އެ ކުންފުންޏަށް ނާޖާއިޒު މަންފާ ހޯދާއިދީފައިވާ ކަމަށެވެ.
ފެނަކަގެ ކުރީގެ އެމްޑީ ސައީދުގެ މައްޗަށް މި މައްސަލައިގައި ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ. މިމައްސަލައިގައި ދެން ދައުވާ ކުރަނީ ފެނަކަގެ އޭރުގެ ޕްރޮކިއުމަންޓް ހެޑް ޏ. ފުވައްމުލައް، ހޯދަޑު، މަރްޔަމް ދީނާ ސާލިހުގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.
ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ މި އަމަލުގެ ސަބަބުން ފެނަކަ ކޯޕަރޭޝަނަށް 848,000 ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށެވެ.

ކޮމެންޓް