ހަބަރު

އުއްތަމަ ފަނޑިޔާރު ކަމަށް ޣަނީ އައްޔަން ކުރައްވައިފި

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު މިއަދު އައްޔަން ކުރައްވައިފި އެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި ޣަނީ މަގާމުގެ ހުވާކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެމަނިކުފާނަށް މަގާމުގެ ފަތްކޮޅު އެރުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމުގެ ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު މުއުތަސިމް އަދުނާން މިދިޔަ މަހު މަގާމުން ރިޓަޔާ ކުރެއްވުމުންނެވެ. އެހެންވެ، އެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެންމެ އިސްކަން ދިން ނަމެއްގެ ގޮތުގައި ރައީސަށް ފޮނުއްވީ ވެސް ޣަނީގެ ނަންފުޅެވެ.

ޣަނީއަކީ 2000 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރުގެ ނިޔަލަށް މަދަނީ ކޯޓުގެ ގާޒީކަން ކުރެއްވުމަށްފަހު 2004 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އަދި 2018 ވަނަ އަހަރުން ފެށިގެން އޭނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނަވަނިކޮށް މަޖިލީހުން ވަނީ އޭނާ މަގާމުން ވަކިކޮށްފަ އެވެ.

އުއްތަމަ ފަނޑިޔާރު ކަމަށް ޣަނީގެ އިތުރުން ދެން ކުރިމަތިލެއްވީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަދި ފެމިލީ ކޯޓުގެ މިހާރުގެ ގާޒީ އަބްދުﷲ މުހައްމަދާއި ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނެވެ.


ކޮމެންޓް