ހަބަރު

މާރުކޭޓު ސަރަހައްދަށް ގާތްކުރާ މަސްދޯނިތަކުން ފީ އެއް ނުނަގާނެ: އެމްޕީއެލް

މާލޭގެ ނޯތު ހާބާރުގެ ބާކީ ސަރަހައްދު ބެލެހެއްޓުމާ ގުޅޭ ހުރިހާ ކަމެއް އެމްޕީއެލްގެ ދަށަށް ބަދަލުކޮށް، މަސްމާރުކޭޓް ސަރަހައްދުގައި ބަނދަރުކުރާ އުޅަނދުތަކުން ފީ ނަގަން ފެށި ނަމަވެސް އެ ސަރަަހައްދަށް ކައިރި ކުރާ މަސްދޯނިތަކުން ފީ އެއް ނުނަގާނެކަމަށް އެމްޕީއެލްއިން ބުނެފިއެވެ.

އެމްޕީއެލްއިން ބުނީ މާލޭ ނޯތު ހާބަރަށް އިތުުރު ކުރެވުނު ބައިގައި މަސް ދޯނި ފަހަރަށް ހާއްސަކޮށް E ޒޯން އަދި F ޒޯން ނުވަތަ މިހާރުވެސް މަސް ދޯނި ފަހަރު ބޭނުންކުރާ ސަރަހައްދު ވަނީ ކަނޑައަޅައިފައިކަމަށެވެ. މި ސަރަހައްދުން މަސްވެރި އުޅަނދުތަކުން އެއްވެސް ފީ އެއް ނަގާ ގޮތަށް ހަމަޖައްސާފައެއްނުވާކަމަށް އެމްޕީއެލްއިން މައުލޫމާތުދެއެވެ.

އެހެންނަމަވެސް މުދަލާއި ފަސިންޖަރުން އުފުލާ އުޅަނދުތަކުން މިހާރުވެސްނަގާ އުސޫލުން ފީ ނަގާނެކަމަށާއި އެއީ އޭ ޒޯން އިން އުޅަނދުގެ ފުޅާމިނުން ގަޑިއަކު މީޓަރަކަށް 50 ލާރި ބީ ޒޯން އަދި ސީޒޯން އިން އުޅަނދުގެ ފުޅާމިނުން ގަޑިއަކު މީޓަރަކަށް 1 ރުފިޔާކަމަށް އެމްޕީއެލްއިން މައުލޫމާތުދެއެވެ.

މަސް ދޯނި ފަހަރަށް ކަނޑައަޅާފައިވާ ސަރަހައްދު ތަރުތީބުކޮށް، އެ ސަރަހައްދުގެ ޚިދުމަތް ކުރިއަށް އޮތް ތަނުގައި ދޭން ހަމަޖެހިފައިވަނީ ކިއު ތަރުތީބުންނެވެ. މި ސަރަހައްދު ތަރުތީބުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެމްޕީއެލްއިން ލަފާކުރެއެވެ.

އެމްޕީއެލްއިން ބުނީ މަސްވެރިކަން ކުރާސަރަހައްދުގައި މިހާރު ދާއިމީ ގޮތަކަށް އެތަނުގައި އަޅާފައިވާ ބިދޭސީން ދިރިއުޅުމަށްގެދޮރުގެ ގޮތުގައި ބޭނުންކުރާ އަދި ވިޔަފާރިކުރަމުންދާ އުޅަނދުތައް އެތަނުން ނަގައި، މަސްވެރި އުޅަނދުތަކަށް އެކަނި އެ ސަރަހައްދު ބޭނުންކުރެވޭނެ ލުއިފަސޭހަގޮތަކަށް އެތަންބަދަލުގެންނާނީ މަސްވެރިންގެ ހިޔާލާ މަޝްވަރާގެމަތިންކަމަށެވެ.


ކޮމެންޓް