ހަބަރު

އާރުޓީއެލް ފެރީ ބަންނަން އިންޑިޔާއިން 100 މިލިޔަނުގެ ހިލޭ އެހީ ދީފި

މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމުގެ މަގްސަދުގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ފަށައި، މި ސަރުކާރުން ވެސް އެ މަޝްރޫޢަށް ބޮޑެތި ކުރިއެރުންތަކެއް ގެންނަމުންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ފެރީތަކެއް ބަނުމަށް އަވަށްޓެރި އިންޑިއާއިން 100 މިލިޔަން ރުފިޔާގެ ހިލޭ އެހީއެއް ދީފައިވާކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާގެ ފަރާތުން މިކަން ހާމަކުރެއްވީ، ޑެޕިއުޓީ މިނިސްޓަރ އިބްރާޙިމް ޔާސިރުއެވެ.


ދައުލަތުގެ މީޑިއާއާ ވާހަކަދައްކަވަމުން ޔާސިރު ވިދާޅުވީ، އިތުރު އަތޮޅުތަކަށް ޚިދުމަތް ފުޅާކުރުމަށް، ފެރީ ބަނުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން މިވަގުތުވެސް 4 ފެރީއެއް ބަނުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، މި ފެރީތައް ބޭނުންކުރުމަށް ހަމަޖެހިފަވަނީ، ބެކަޕް ފެރީތަކެއްގެ ގޮތުގައިކަމަށް އޭނާ ވިދާޅުވިއެވެ،

ޔާސިރް ވިދާޅުވީ އިތުރު ފެރީތައް ބަނުމަށް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި މި މަސައްކަތަށް އިންޑިއާ ސަރުކާރުގެ ހިލޭ އެހީއެއް ލިބިފަވާކަމަށެވެ. މި އެހީގެދަށުން 12 ފެރީއާއި އަދި 1 ޒޯން ފެރީ ޓަރމިނަލް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ނިންމާފަވާކަމަށް ޔާސިރް ވިދާޅުވިއެވެ. 100 މިލިއަން ރުފިޔާގެ މި ހިލޭ އެހީގެ ދަށުން، ޒޯން 2 ގެ މައި ފެރީ ޓަރމިނަލާއި އުނގޫފާރުގެ ފެރީ ހަބް އެޅުމަށް ނިންމާފައިވާއިރު، މިކަމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް ޔާސިރު ވިދާޅުވެފައިވެއެވެ.

ޔާސިރް ވިދާޅުވީ ޒޯން ފެރީ ޓަރމިނަލްތަކަކީ، އެ ޒޯނެއްގެ ހުރިހާ އަތޮޅުތަކާއި ރަށްތަކުގެ ޚިދުމަތް ބަލަހައްޓާ މައި ޓަރމިނަލް ހަބް ކަމަށެވެ. އިންޑިއާގެ ހިލޭ އެހީގައި އުނގޫފާރުގައި ތަރައްޤީކުރާ ފެރީ ޓަރމިނަލް މަސައްކަތަށް ބޭނުންވާ ސާމާނު އެރަށަށް ގެންދިއުމާ ގުޅޭ މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ. ޓަރމިނަލްގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް ޔާސިރް ވިދާޅުވިއެވެ.

މި ޓަރމިނަލްތަކުގައި މަޑުކޮށްލައިގެން ތިބޭ ސަރަޙައްދާއި، ފިހާރައަކާއި ފާޚަނަކުރުމުގެ އިންތިޒާމްތައްވެސް ހުންނާނެއެވެ. އަދި މިއީ ޖާގަ ތަނަވަސް ޓަރމިނަލްތަކެކެވެ.

އާރުޓީއެލްގެ ޚިދުމަތް ސަރުކާރުން އެންމެފަހުން ފަށާފައި ވަނީ ބ. އަތޮޅުގައެވެ. ޖުލައި މަހުގެ ތެރޭޭގައި ބ. އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

ބ. އަތޮޅަކީ އާރުޓީއެލްގެ ހިދުމަތް ފެށި 11 ވަނަ އަތޮޅެވެ. ބާކީ އަތޮޅުގައިވެސް މި ހިދުމަތް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.


ކޮމެންޓް