ހަބަރު

ރައީސަށް މަރުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޭސްބުކްގައި މަރުގެ އިންޒާރު ދިން މީހާ ފުލުހުން މިރޭ ހައްޔަރުކޮށްފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސޯޝަލް މީޑިއާގައި ސީދާ ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ތ. ތިމަރަފުށި، މަލަސް، މަސީހު މޫސާ ކަމަށެވެ.

އުމުރުން 25 އަހަރުގެ އެ ޒުވާނާގެ ފޯނު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.

ރައީސް މުއިއްޒަށް މަސީހް މަރުގެ އިންޒާރު ދިނީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް އަދި އޭގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ދިނުމަށް އެ މަނިކުފާނު ބޭނުންފުޅުވާކަން ރޭ ހާމަކުރެއްވުމުންނެވެ.

އޮންލައިން މީޑިއާއެއްގައި ލިޔުނު އެ ޚަބަރު ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން ރައްދުގައި މަސީހް ބުނީ އެންމެ ފުރަތަމަ މަރާލަން ޖެހެނީ ރައީސް މުއިއްޒު ކަމަށެވެ.

އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައުމާ އެކު އެކަން ތަހުގީގު ކުރަން ފެށި އެވެ.

ރައީސް ރޭ ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުން ނުވަތަ އޭގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތަކެއް ކަނޑައަޅަން ބޭނުންފުޅުވާތީ، ރައްޔިތުންގެ މަޖިލިހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށްޓަކައި އެ ބިލް އިތުރަށް ދިރާސާ ކުރަން ކަމާ ގުޅޭ އިދާރާތަކަށް ދަންނަވާފައިވާނެ ކަމަށެވެ.

"މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖްތަމައު ސަލާމަތްކޮށް، މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު،" ރައީސް ވިދާޅުވި އެވެ.


ކޮމެންޓް