ސްރީ ލަންކާއަށް ސަލާމަތީ ގޮތުން ނުރައްކަލެއް ކުރިމަތިވެދާނެ ބޭރު ގައުމުތަކުގެ ލިސްޓުން، ރާއްޖެ ރަސްމީކޮށް އުނިކޮށްފައިވާ ކަމަށް ލަންކާގެ ނޫހަކުން ބުނެފި އެވެ.
ސަލާމަތަށް ނުރައްކާ ކުރިމަތިވެދާނެ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމަނާފައިވަނީ، ލަންކާގައި 2019 ވަނަ އަހަރު ދިން ހަަމަލާތަކަށް ފަހު، އެ ގައުމުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމުގެ ތެރެއިންނެވެ.
"އީސްޓަ ބޮމުގެ" ހަމަލާތަކުގެ ފަހަތުގައި ތިބި ކަމަށް ބެލެވޭ ބައެއް މީހުންނާ، ދިވެހިންތަކަކާ ވިޔަފާރީގެ ގުޅުންތަކެއް އޮތް ކަމުގެ އަޑުތަކެއް އޭރު އިވުނެވެ. ނަމަވެސް، އެ ހަމަލާތަކުގައި ދިވެހިންގެ ސީދާ ބައިވެރިވުމެއް ނެތްކަމުގެ ޔަގީންކަން އޭރު ދިވެހި ސަރުކާރުން ދިނެވެ.
ނަމަވެސް، އެ ހަމަލާއާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގުޅުން އޮތް ހަތަރު ދިވެއްސެއް ފާހަގަވެފައިވާ ކަމަށް ފެބްރުއަރީ 2020 ގައި ލަންކާގެ ފުލުހުންނާ ހަވާލާދީ، ލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.
ލަންކާގައި އަމިއްލަ އަށް މަރުވެގެން ދިން ބޮމުގެ އެ ހަމަލާތަކުގައި 258 މީހުން މަރުވި އެވެ. ހަމަލާ ރޭވި ނޭޝަނަލް ތައުހީދު ޖަމާއަތަށް ނިސްބަތްވާ ނުވަ މީހުންނާ، އެ ދިވެހިންނާ ގުޅުން އޮތް ކަމަށް ވެސް އޭރު މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.
އެ ލިސްޓުގައި ރާއްޖެ ހިމަނާފައިވާތީ، ދިވެހި ސަރުކާރުގެ ހިތްހަމަނުޖެހުން ލަންކާ ސަރުކާރާ ހަމައަށް ގެންގޮސްފައިވާކަން އެނގިފައިވެ އެވެ.
ދިވެހި ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ލަންކާގެ ގާޑިއަން ނޫހުން ބުނީ، ލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކެގެ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ލިސްޓުން ރާއްޖެ މިހާރު އުނިކޮށްފައިވާ ކަމަށެވެ.
ނަމަވެސް، އެކަން ރަސްމީ ސިފައެއްގައި ދެ ގައުމުގެ ސަރުކާރުން ވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
އެ ލިސްޓުގައި ރާއްޖެ ހިމަނާފައި އޮތުމުން، ލަންކާއަށް ދާ ދިވެހިންނަށް ވިސާ ލިބުން ފަދަ ކަންކަމުގައި އެކި އުނދަގޫތައް ކުރިމަތިވާ ކަމަށާއި އެކަމުގެ ސަބަބުން ލަންކާގައި ތިބި 10،000 އެއްހާ ދިވެހިންގެ އާބާދީ މިހާރު 1،500 އަށް ވެއްޓިފައިވާ ކަމަށް އެ ނޫހުން ބުންޏެވެ.
ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ މި ހަފުތާގައި ރާއްޖެއަށް ކުރެއްވި ދަތުރުފުޅާ ދިމާކޮށް، ލަންކާގައި ވަޒީފާ އަދާކުރާ ނުވަތަ މަތީ ތައުލީމް ހާސިލްކުރާ ދިވެހިންގެ އަނބިން/ފިރިންނަށް ވެސް އެއް އަހަރުގެ ވިސާ ލިބޭ ގޮތް ވަނީ ހަމަޖައްސައިފަ އެވެ. އަދި މީގެ އިތުރުން އަންނަ މަހުން ފެށިގެން ލަންކާގައި ބޭސްފަރުވާ ކުރާ ދިވެހިންނަށް އެއް އަހަރުގެ ވިސާ ދޭން ލަންކާއިން ފަށާނެ ކަމަށް އެ ގައުމުން ބުނެފައިވެ އެވެ.
އެ ބަދަލުތައް ގެނެސްފައިވަނީ، ލަންކާގައި އުޅޭ ދިވެހިންގެ އާބާދީ މަދުވަމުން ދިޔުމުގެ ކަންބޮޑުވުން ލަންކާ ސަރުކާރުގެ ތެރޭގައި ވެސް ބޮޑުވެގެންކަން އެނގިފައިވެ އެވެ.
ޑިސަނަޔަކެގެ ދަތުރުފުޅު ނިންމަވާލައްވައި، ރޭ ރާއްޖެއިން ފުރާވަޑައިގެންނެވި ވަގުތާ ދިމާކޮށް، އިއްޔެއިން ފެށިގެން ރާއްޖެއަށް އަންނަ ލަންކާ މީހުންނަށް 90 ދުވަހާ ހަމައަށް އޮން އެރައިވަލް ވިސާ ދޭން ނިންމައި، ރާއްޖޭގެ އިމިގްރޭޝަނުން ވަނީ އިއުލާނުކޮށްފަ އެވެ.
އެމްޑީޕީ ސަރުކާރުގައި ހިމެނި ލަންކާގެ ސަލާމަތަށް ނުރައްކާވާ ގައުމުތަކުގެ ލިސްޓުން ރާއްޖެ އުނިކޮށްފި

ކޮމެންޓް