ރާއްޖެއަށް އަންނަ ސްރީ ލަންކާ މީހުންނަށް ވެސް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭން ފަށައިފި އެވެ.
އިމިގްރޭޝަނުން ބުނީ މިއީ ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސެނަޔަކަ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު ކުރެއްވި މަޝްވަރާތަކަށް ފަހު ނިންމި ނިންމުމެއް ކަމަށެވެ.
"ލަންކާއަށް ދާ ދިވެހިންނަށް މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އަންނަނީ 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދެމުން. މި ނިންމުންތަކުން ދައްކުވައިދެނީ ދެ ގައުމުގެ ގާތް ގުޅުން،" އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
އިމިގްރޭޝަނުން ބުނީ ޖުލައި 30 ވަނަ ދުވަހުން ފެށިގެން ލަންކާ މީހުންނަށް ރާއްޖެއިން ވެސް 90 ދުވަހުގެ އޮން އެރައިވަލް ވިސާ މިހާރު ލިބޭނެ ކަމަށެވެ.
ރާއްޖެއިން ލަންކާ މީހުންނަށް ވިސާގެ މުއްދަތު އިތުރުކޮށްދީފައި ވާއިރު ލަންކާގައި ވަޒީފާ އަދާކުރާ ނުވަތަ މަތީ ތައުލީމް ހާސިލްކުރާ ދިވެހިންގެ އަނބިން/ފިރިންނަށް ވެސް އެއް އަހަރުގެ ވިސާ ލިބޭ ގޮތް ވަނީ ހަމަޖައްސައިފަ އެވެ. އަދި މީގެ އިތުރުން އަންނަ މަހުން ފެށިގެން ދިވެހިންނަށް އެއް އަހަރުގެ ވިސާ ދޭން ލަންކާއިން ފަށާނެ ކަމަށް އެ ގައުމުން ބުނެފައިވެ އެވެ.

ކޮމެންޓް