ހަބަރު

ރަސްމީ ދަތުރުފުޅަށް ފަހު ލަންކާގެ ރައީސް ފުރާވަޑައިގެންފި

ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރު ޑިސަނަޔެކެ ރާއްޖެއަށް ކުރެއްވި ތިން ދުވަހުގެ ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައި މިރޭ ފުރާވަޑައިގެންފި އެވެ.

މިދިޔަ ހޯމަ ދުވަހު ޑިސަނަޔަކެ ރާއްޖެ ވަޑައިގަތީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށެވެ.

އެ ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިިކުރުމުގެ މަޝްވަރާތަކާއި ދެ ގައުމުގެ ރަސްމީ ވާހަކަތައް ބޭއްވެވި އެވެ. އަދި ދެ ގައުމުގެ ދެމެދު މުހިންމު ދާއިރާތަކުން އެއްބާރުލުން ދިނުމުގެ ފަހުމުނާމާއަކާއި މުއާހަދާއެއްގައި ސޮއިކުރެއްވި އެވެ.

ރާއްޖެއާ އަބަދުވެސް ގާތްގުޅުމެއް ބާއްވާ ލަންކާގެ ރައީސް ރާއްޖެ ވަޑައިގަތް އިރު، ދެ ގައުމުގެ ދެމެދުގައި ހާރިޖީ ގުޅުން ގާއިމުކުރިތާ ވެސް މިއަހަރު 60 އަހަރު ވެއްޖެ އެވެ. ރާއްޖެ އާއި ލަންކާއާ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމްކުރީ ޖުލައި 26، 1965 ގަ އެވެ. އަދި ރާއްޖެއާ އެކު ހާރިޖީ ގުޅުން ގާއިމްކުރި ފުރަތަމަ ގައުމަކީ ވެސް ލަންކާ އެވެ.

މިއީ ނޮވެމްބަރު 17، 2023 ގައި ރައީސް މުއިއްޒު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެ އަށް ވަޑައިގެންނެވި ބޭރު ގައުމެއްގެ ދެވަނަ ލީޑަރެވެ. މި ސަރުކާރު އައި ފަހުން އެންމެ ފުރަތަމަ ރާއްޖެ ވަޑައިގަތީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ.


ކޮމެންޓް