ރާއްޖެ އާއި ސްރީލަންކާ އާ ދެމެދު އޮތް ގުޅުން އާ މަރުހަލާއެއްގެ ތެރެއަށް ވަދެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ލަންކާގެ ރައީސް އަނޫރާ ކުމާރު ޑިސަނަޔެކެ ރާއްޖެ ވަޑައިގަތީ މިދިޔަ ހޯމަ ދުވަހުއެވެ. ލަންކާގެ ރައީސް ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ވަނީ ދަންނަވައިފައެވެ.
ލަންކާ ރައީސްގެ ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ދެ ގައުމުގެ ދެމެދުގައި މުހިންމު ދެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.
”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރާއްޖެ އާއި ލަންކާއާ ދެމެދު އޮތް ގާތް ގުޅުމާއި އެއްބާރުލުން އާ މަރުހަލާއަކަށް ވަދެފައިވާ ކަން ޔަގީން ކުރައްވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖެ އާއި ލަންކާގެ ރައްޔިތުންނަށް އިތުރު ފައިދާތަކެއް ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއްބަސްވި ކަންކަން އަވަހަށް ތަންފީޒު ކުރުމަށާއި ހުރިހާ ލެވެލްއެއްގައި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރާއްޖެ އާއި ލަންކާއާ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމްކުރީ ޖުލައި 26، 1965 ގައެވެ. އެ ގުޅުމަށް މި މަހު ވަނީ 60 އަހަރު ފުރިފައެވެ.
ރާއްޖެ-ލަންކާ ގުޅުން މިވަނީ އާ މަރުހަލާއެއްގެ ތެރެއަށް ވަދެފައި، ދެގައުމުގެ ރައްޔިތުންނަށް ފައިދާ ކުރާނެ: ރައީސް

ކޮމެންޓް