ހަބަރު

އެޗްޑީސީގެ އެމްޑީ މައުރޫފް އިސްތިއުފާ ދެއްވައިފި

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

މައުރޫފް ވަނީ މަގާމުން ރިޓަޔާ ކުރައްވަން ނިންމަވައި މި މަހުގެ ކުރީކޮޅު އެކަން ކުންފުނީގެ މުވައްޒަފުންނަށް އަންގަވައިފަ އެވެ. ކުރިން ނިންމަވާފައި އޮތީ އަންނަ މަހު 18 އިން ފެށިގެން ރިޓަޔާ ކުރައްވާ ގޮތަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެޗްޑީސީ އިން ވަކިވެވަޑައިގަތުމަށްފަހު ސަރުކާރުގެ އެޑްވައިޒަރީ ފެންވަރުގެ މަގާމަކާ ހަވާލުވެވަޑައިގަތުމަށް މައުރޫފް ނިންމަވާފައިވާ ކަމަށްވެސް ވެއެވެ.

އަމާނާތްތެރި ހިންގުންތެރިއެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ މައުރޫފު ވަނީ ހުޅުމާލެ އެންމެ ފުރަތަމަ ހިއްކި ދުވަސްވަރުން ފެށިިގެން ވަރަށް ގިނަ ދުވަސް ވަންދެން އެތަން ތަރައްގީ ކުރުމުގައި އިސްކޮށް ހަރަކާތެރިވެ ވަޑައިގެންފަ އެވެ.

ހުޅުމާލެ ޑިވެލޮޕްމަންޓް ޔުނިޓު އުފެއްދިއިރު އެތަނުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު އަދި އޭގެ ފަހުން އެޗްޑީސީ އުފެދުމާއެކު އެ ކުންފުނީގެ ސީއީއޯގެ މަގާމުވެސް އޭނާ އަދާކުރެއްވި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މައުރޫފް އައްޔަން ކުރީ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު މަގާމުގައި ހުންނެވިއިރު އެ ކޯޕަރޭޝަން ހިންގި ބޮޑެތި ކޮރަޕްޝަންތަކަކާއި ވައްކަމުގެ މައްސަލަތަކެއް ފަޅާ އެރުމުންނެވެ.


ކޮމެންޓް