ހަބަރު

މޫސުން އިންތިހާއަށް ގޯސްވެ، ކަނޑުތައް ގަދަވެ، 50 މޭލަށް ވައި ބާރުވާނެ: މެޓް

މޫސުން ގޯސްވެ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސް ކޮށްފި އެވެ.

އެ އިދާރާ އިން މިއަދު ބުނީ މި ދުވަސްވަރު ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ދެ ދުވަހު ވެސް ވިއްސާރަކޮށް، މޫސުން ގޯސްވާނެ ކަމަށާއި ހާއްސަކޮށް މުޅި ރާއްޖެއަށް ވިއްސާރަވެ، ވިލާގަނޑުގައި 50 މޭލަށް ވައިބާރުވެ ކަނޑުތައް ގަދަވާނެ ކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދެއްވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރާއިރު މޫސުމަށް ހއްސަ ސަމާލުކަމެއް ދިނުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ރޭގަނޑު ދަތުރު ނުކުރުމަށާއި، މޫސުން ތަންނުދޭ ނަމަ، މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސްކޮށްލުމަށް ވަނީ އެދިފަ އެވެ.

މީގެ އިތުރުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރުނުކުރުމަށް ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.


ކޮމެންޓް