ހަބަރު

ބީއެމްއެލްގެ ސާފު ފައިދާ ރެކޯޑު އަދަދަކަށް އިތުރުވެ، 558 މިލިއަނަށް އަރައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މި އަހަރުގެ ދެވަނަ ކުއާޓަރުގައި ހޯދާފައިވާ ސާފު ފައިދާ ރެކޯޑު އަދަދަކަށް އިތުރުވެއްޖެއެވެ.

ބޭންކުން ހާމަކުރި މަޢުލޫމާތާ އެއްގޮތަށް އޭޕްރީލުން ޖޫން މަހުގެ ނިޔަލަށް ހިނގި ތިން މަހުގެ ތެރޭގައި ސާފު ފައިދާގެ ގޮތުގައި 558 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 24 ޕަސަންޓުގެ ކުރިއެރުމެކެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މި ކުއާޓަރުގައި ބޭންކުން ހޯދި ހަރުދަނާ ނަތީޖާއަކީ އެ ފަރާތަށް ލިބޭ އުފަލެއް ކަމަށެވެ. އަދި މި ނަތީޖާއިން ދައްކުވައިދެނީ ބޭންކުގެ މުވައްޒަފުން މަސައްކަތަށްދޭ އަހުމިއްޔަތުކަމާއި ބޭންކުގެ ސްޓްރެޓެޖީގެ ހަރުދަނާކަން ކަމަށް ވިދާޅުވިއެވެ.

ބޭންކުން އިތުރަށް ހާމަކުރި ގޮތުގައި، މި ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 790 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ބޭންކަށް ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 1.05 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހާ އަޅާބަލާއިރު 12 ޕަސަންޓުގެ ކުރިއެރުމެކެވެ. މީގެ އިތުރުން، ދެވަނަ ކުއާޓަރުގެ ނިޔަލަށް ބޭންކުން ވަނީ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް އަލަށް 3 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައެވެ. އަދި ދެވަނަ ކުއާޓަރު ނިމުނުއިރު ބޭންކުން ދޫކޮށްފައިވާ ޖުމްލަ ލޯނުގެ އަދަދު ހުރީ 21.3 ބިލިއަން ރުފިޔާގައެވެ.

ދެވަނަ ކުއާޓަރުގައި ބޭންކުން ވަނީ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއު އިތުރަށް ފުޅާކޮށް، ނ. މ. ށ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމުކުރުމުގެ ލަނޑުދަނޑި ހާސިލްކޮށްފައެވެ.


ކޮމެންޓް