މަޖިލީހުގެ އިދާރާއިން އާންމުކުރާ މައުލޫމާތު ނަހަމަގޮތުގައި ބޭނުންކޮށް އާންމުންނަށް އޮޅުން އަރާގޮތަށް އެ މައުލޫމާތު ބޭނުން ނުކުރުމަށް މަޖިލީހުގެ އިދާރާއިން އެދިއްޖެއެވެ.
މަޖިލީހުގެ މެމްބަރުންގެ މަސައްކަތްތަކާއި ގުޅިގެން މީސްމީޑިއާގައި ޝާޢިއުކޮށްފައިވާ މައުލޫމާތަކާއި ގުޅިގެން މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޤާނޫނުއަސާސީގެ ރޫހާއެއްގޮތްވާގޮތުގެ މަތީން މަޖިލީހުގެ މަސައްކަތްތަކާއި މައުލޫމާތު ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް މަޖީހުގެ ޖަލްސާތަކާއި ބައްދަލުވުންތައް އާންމުކޮށް ކުރިއަށް ގެންދަނީ ހުޅުވާލައިގެން ކަމަށެވެ.
މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތައް ވަގުތުން ދުރަށްދެއްކުމާއި ބްރޮޑްކާސްޓް ކުރުމުގެ މަޤްޞަދަކީ މައުލޫމާތު މުއްސަނދިކޮށް، ހޭލުންތެރިކަން އިތުރުކޮށް، ވަކިފަރާތަކަށް ނުޖެހި ތެދު މައުލޫމާތު ފޯރުކޮށްދިނުންކަމަށް މަޖިލީހުން ވަނީ ބުނެފައެވެ.
މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކުގެ މަސައްކަތް މަޖިލީހުގެ ވެބްސައިޓްގައި ޝާޢިއުކުރަނީ ވީހާވެސް ހާމަކަންބޮޑުގޮތެއްގައި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށްކަމަށް މަޖިލީހުން ބުނެފަވެއެވެ.
’’އެހެންކަމުން މަޖިލީހުގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޖިލީހުގެ އިދާރާއިން އާންމުކުރާ މައުލޫމާތު ނަހަމަގޮތުގައި ބޭނުންކޮށް އާންމުންނަށް އޮޅުން އަރާގޮތަށް އެ މައުލޫމާތު ބޭނުން ނުކުރުމަށާއި، މަޖިލީހުގެ މައުލޫމާތު ހިއްސާކުރާއިރު ޒިންމާދާރުކަމާއެކު ހިއްސާކުރުމަށާއި، އަދި އެ މައުލޫމާތެއް ހާމަކުރުމުގެ ކުރިން އެއީ ތެދުމައުލޫމާތެއްކަން ކަށަވަރުކުރުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ.’’ މަޖިލީހުގެ ބަޔާނުގައި ވެއެވެ
މަޖިލީހުގެ މެމްބަރުންގެ މަސައްކަތްތަކުގެ ތަފާސް ހިސާބު ވެބްސައިޓުން ފެންނަން ހުންނާނެކަން ފާހަގަކޮށް އެ ބަޔާނުގައި ބުނީ ތަޅުމުގައި ކުރާ މަސައްކަތްތަކުގެ އިތުރުން ކޮމެޓީތަކުގައި ވެސް މެމްބަރުން ގިނަ މަސައްކަތްތަކެއް ކުރަށްވާކަމަށެވެ. އަދި މަޖިލީހުން ބިލެއް ފާސްވެގެން އަންނަނީ އެކި މަރުހަލާތަކުގައި މެމްބަރުންގެ މަޝްވަރާތައް ހިންގުމަށްފަހުގައިކަމަށް އެ ބަޔާނުގައި ބުނެފަވެއެވެ.

ކޮމެންޓް