ޝްރީލަންކާއަށް ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް އެގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ދައުވަތު އަރުއްވައިފިއެވެ.
ރައީސް އާއި ސްރީލަންކާގެ ރައީސް ދެއްވި ގުޅިފައިވާ ބަޔާނުގައި ވާހަކަފުޅު ދައްކަވަމުން ރައިސް ޑިސަނާޔަކެ ވަނީ ސަގާފީ ގުޅުންތައް ހިމެނޭހެން ޖަޒީރާ އަވަށްޓެރިންގެ ގޮތުގައި އޮތް 2 ގައުމުގެ ހައިސިއްޔަތުން ގުޅިފައިވާ ގުޅުންތައް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ތަޢުލީމާއި ވިޔަފާރިއާއި އިންވެސްޓްމަންޓާއި ފަތުރުވެރިކަމާއި ދެމެހެއްޓެނިވި މަސްވެރިކަމާއި ދަނޑުވެރިކަމާއި ޒުވާނުން ބާރުވެރިކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރަށް ވަރުގަދަކުރުން ހިމެނޭ ގޮތަށް ދެގައުމުގެ ގުޅުންތައް ބަދަހިކުރުމުގެ މުހިންމުކަން ރައީސް ޑިސަނާޔަކެ ފާހަގަކުރެއްވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގައި ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި އަޒުމުތަކަށް ތަޢުރީފުކުރައްވައި، އެފަދަ މޭރުމަކުން ސްރީލަންކާގައި ކުރިއަށްގެންދާ ”ކްލީން ސްރީލަންކާ“ ޕްރޮގްރާމްގެ ވާހަކަ، ރައީސް، ޑިސަނާޔަކެ ފާހަގަކުރެއްވިއެވެ. އަދި ރައީސް ސްރީލަންކާއަށް ވަޑައިގަތުމަށް ވެސް ސްރީލަންކާގެ ރައީސް، ޑިސަނާޔަކެ ވަނީ ދައުވަތު އަރުވާފައެވެ.
ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ދޭދޭ ގުޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ކޮންސިއުލަރ ޚިދުމަތް އިތުރަށް ހަރުދަނާކޮށްދެއްވައި، ގަވާއިދާ ހިލާފަށް ކުރާ މަސްވެރިކަމާ ދެކޮޅަށް މަސައްކަތްކުރެއްވުމުގެ އިތުރުން ޢިލްމު ހިއްސާކުރުމާއި، ކަނޑުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމުގައި އެއް ޤައުމު، އަނެއް ޤައުމަށް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ދެ ޤައުމުގެވެސް ލީޑަރުން ވަނީ ދެއްވާފައެވެ.

ކޮމެންޓް