ލ. މާވަށުގައި މިއަދު މީހެއްގެ ކަރަށް ވަޅި ހަަރައި މަރާލި ކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި އެވެ.
ރަށުގެ އާއްމުން ތިބި ސަރަހައްދެއްގައި ހިނގި ދެބަސްވުމެއްގެ ތެރެއިން އޭނާ ހަމަލާދިނީ، އެ ރަށު ނަލަހިޔާ، މޫސާ އިބްރާހިމް، 29، އަށެވެ. މި ހަމަލާއާ ގުޅިގެން ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޭނާ އޮތީ މަރުވެފަ އެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރީ ހދ. ނޮޅިވަރަންފަރު އަސަރީ މަންޒިލް، މުހައްމަދު އިބްރާހިމް، 29، ކަމަށެވެ.
އޭނާ މިހާރު ހުރީ މާވަށު ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
ފުލުހުން ބުނި ގޮތުގައި މާވަށުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ކަމުގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 10 ޖެހި ފަހުންނެވެ. ޒަހަމްވި މީހާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައިވާކަން ސިއްހީ މަރުކަޒުން ފުލުހުންނަށް ކަށަވަރުކޮށްދިން ކަމަށް ފުލުހުން ބުންޏެވެ.
މާވަށު ކައުންސިލްގެ ރައީސް އަހްމަދު މޫސާ ވިދާޅުވީ ހަމަލާދިން ކަމަށް މިހާތަނަށް ބެލެވެނީ އެ ދެ މީހުންގެ މެދުގައި ހިނގި ދެބަސްވުމެއްގެ ތެރެއިންނެވެ.
މާވަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި، މި ހަމަލާދިން މީހާއަކީ މަސްތުގެ މާހައުލުގައި އުޅޭ މީހެއް ކަމުގެ ތުހުމަތު އޮވެ އެވެ. އަދި އޭނާއަކީ ދޭތެރެއަކުން އެ ރަށަށް ގޮސް އުޅޭ މީހެކެވެ.

ކޮމެންޓް