ހަބަރު

ހުޅުމާލެ ހޮސްޕިޓަލްގެ ޑަޔަލިސިސް ސެންޓަރު ރައީސް ހުޅުއްވައިދެއްވައިފި

ހުޅުމާލެ ހޮސްޕިޓަލްގައި ޤާއިމުކުރި 30 އެނދުގެ ޑަޔަލިސިސް ސެންޓަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ.

ޑަޔަލިސިސް ސެންޓަރު ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވީ މިކަމަށްޓަކައި ހުޅުމާލޭ އޮރެންޖް ހިޔާ އިމާރާތުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މިތަން ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެތަނުގެ ޚިދުމަތްތަކާ ވަސީލަތްތައް ބައްލަވާލައްވާފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާޙިމް ޢަބްދުލްރައްޒާޤް ޙަލީމް ވިދާޅުވީ މިއަހަރަށް ކުރިއަށްވެސް ހިދުމަތްތަކެއް ދޭން ނިންމާފައިވާކަމަށާއި އެގޮތުން މެންޓަލް ހިދުމަތާއި ހުޅުމާލޭ ހޮސްޕިޓަލުގައި 28 އެނދުގެ ވޯޑުގެ ޕްރޮޖެކްޓުވެސް މިއަހަރު ނިންމާލައި ހިދުމަތް ލިބިގެންދާނެކަމަށެވެ. ހުޅުމާލޭ ހޮސްޕިޓަލުގައި 2012 ވަނަ އަހަރު ޑައިލަސިސްގެ ހިދުމަތް ފެށީ އެންމެ ހަތަރު އެނދާއެކު ކަމަށް ސީއީއޯ އިބްރާޙިމް ޢަބްދުލްރައްޒާޤް ޙަލީމް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމާއި، ހުޅުމާލެ ހޮސްޕިޓަލުގެ ހިންގުން ހަވާލުކޮށްފައިވާ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ހުޅުމާލޭ ހޮސްޕިޓަލްގެ ޑަޔަލިސިސް ސެންޓަރަށް އިތުރު 30 އެނދު އިތުރުކުރުމަށްޓަކައި އަމިއްލަ 2 ކުންފުންޏަކާ ހަވާލުކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ހުޅުމާލޭ ހޮސްޕިޓަލުގެ ޑަޔަލިސިސް ސެންޓަރުގައި މިވަގުތު 10 އެނދު ޤާއިމްކޮށްފައެވެ. އަދި މި 10 އެނދާއެކު މިސެންޓަރުން މިވަގުތު 80 އަށްވުރެ ގިނަ މީހަކަށް ދަނީ ފަރުވާދެމުންނެވެ. މީގެތެރެއިން އެއް އެނދަކީ ކުއްލި އިމަރޖެންސީ ހާލަތްތަކަށް ޚާއްޞަކުރެވިފައިވާ އެނދެކެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ހިދުމަތް ދޭންފެށީ 2012 ވަނަ އަހަރުއެވެ.

ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެެވެ.


ކޮމެންޓް