ހަބަރު

ގައުމުގެ ތަރައްގީ އަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ރައީސް އެދިވަޑައިގެންފި

ގައުމުގެ ތަރައްގީ އަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ގޮވާލައްވައިފި އެވެ.

ހަތަރުސަތޭކަ ފަންސާސް ހަތް މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ހަރަދު ކޮށްގެން ހެދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، މިއަދު އަޒުމް ކަނޑައަޅަންވީ ކަމަކީ އެހެން ހުރިހާ ކަމަކަށް ވުރެ ގައުމު އިސްކުރަން ކަމަށެވެ.

"އެންމެން އެކުގައި އަތުކުރި އޮޅާލައިގެން ކުރިއަށް ދިއުމުގެ އަޒުމް ކަނޑައަޅަންވީ. މިއީ އަޅުގަނޑު ހަމައެކަނި މިރޭ ދަންނަވާލަން ބޭނުންވާ ވާހަކައަކީ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވިގޮތުގައި އެ ގޮތަށް ދިވެހިން ކުރިއަށް ދާ ނަމަ އެންމެ ޒަމާނީ އަދި ރީތި ޓާމިނަލެއް އިމާރާތް ކުރުން ފަދަ އެތައް ތަރައްގީއެއް ހާސިލް ކުރެވޭނެ އެވެ.

"ބިނާތަކާއި އަދި މައުނަވީ ގޮތުން ވެސް މި ގައުމު ތަރައްގީ ވެގެންދާނެ. އަޅުގަނޑުމެންގެ ސިކުނޑި ތަރައްގީ ވެގެންދާނެ. އަޅުގަނޑު އަބަދުވެސް ދަންނަވާ ވަށާޖެޖޭ ތަރައްގީ ދާދި އަވަހަށް ފަސޭހައިން ހާސިލް ވާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ސިކުނޑީގެ ތަރައްގީ އާއި އުމްރާނީ ތަރައްގީ އެއިރުން އެކުއެކީގައި ހާސިލް ވާނެ ކަމަށެވެ.

"އެއީ އަޅުގަނޑުމެން ކޮންމެހެން ވެސް ކުރަންވީ ކަމަކީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އާ ޓާމިނަލް ނިންމުމުގެ މަސައްކަތް އެންމެ ގުޅިގެން ނުކުރި ނަމަ އަދިވެސް އިތުރު ދޮޅުއަހަރެއްހާ ދުވަސް އެ ކަމަށް ނަގާނެ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވިގޮތުގައި އާ ޓާމިނަލް ނިންމުމާ ގުޅޭ ކަންކަން ރޭވިފައި ހުރި ގޮތަށް ބަލާއިރު އެ ތަން އެއްކޮށް ނިމޭނެ ކަމަށް ފެނިވަޑައިގަތީ 2027 ވަނަ އަހަރުގެ ފަހުކޮޅުގަ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، އާ ޓާމިނަލް މި އަހަރުގެ މިނިވަންދުވަހު ހުޅުވަން އެ މަނިކުފާނު ބޭނުންފުޅުވި މައިގަނޑު ސަބަބަކީ އެއާޕޯޓަކީ އިގުތިސާދީ މިނިވަންކަމާ ގުޅިފައިވާ ތަނަކަށް ވެފައި އެއީ މިނިވަންކަމުގެ މުހިންމު އެއްބައި ކަމަަށް ވާތީ ކަމަށެވެ.

"އިގްތިސާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަބަކީ މި އެއާޕޯޓު ކަމުގައި ވާތީ އަދި މި އެއާޕޯޓުގެ އެންމެ މުހިންމު ބިނާއަކީ ޓާމިނަލް ކަމަށް ވާތީ، އެހެންވެ މިރޭ ހުޅުވަން ބޭނުންވީ. މިކަން ހާސިލް ކުރުމަށް އެހީތެރިވި ހުރިހާ ބޭފުޅުންނަށް އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރިއްޔާ،" ރައީސް ވިދާޅުވި އެވެ.


ކޮމެންޓް