ހަބަރު

އާ ޓާމިނަލްގެ މަސައްކަތަށް ސޯލިހާއި ޔާމީނަށް ރައީސް ޑރ. މުއިއްޒުގެ ޝުކުރު ދަންނަވައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓަމިނަލްގެ މަސައްކަތް ކުރިއަށް ގެންދިޔަ ކުރީގެ ދެ ސަރުކާރުގެ ވެރިން ކަމަށްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް އަބުދުﷲ ޔާމީނަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ޝުކުރު އަދާ ކުރައްވައިފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ އާ ޓާމިނަލަކީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތް ކަމަށާއި މިއީ ކުރީ ދެ ސަރުކާރުގެ ވެސް ވަރަށް ބުރަ މަސައްކަތުން ނިމުނު ޓާމިނަލެއް ކަމަށެވެ.

"އެހެންވީމާ އަޅުގަނޑު މި ދެންނެވި ފަރާތްތަކަށް ޝުކުރު ދަންނަވަން. ހާއްސަކޮށް މި މަސައްކަތް ފެށިގެން އައީ ރައީސް ޔާމީންގެ ވެރިކަމުގައި ކަމުގައިވާތީ، އެމަނިކުފާނަށާއި ދެން އެއަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ކަމުގައިވާތީ، މި ދެ ރައީސުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ޓާމިނަލް މަސައްކަތަށް އެހީތެރިވި ބޭރުގެ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ. އެގޮތުން ސައުދީ ފަންޑު ފޯ ޑިވެލޮޕްމެންޓް، އޮޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް، ކުވައިދު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވަލޮޕްމެންޓް އަދި އަބޫދާބީ ފަންޑުގެ އިސްވެރިންނާއި އެގައުމުގެ ވެރިންނަށް ވެސް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

ރައީސް ވަނީ ޓާމިލަން ނިންމުމަށް ރެއާއި ދުވާލު ބުރަ މަސައްކަތް ކުރި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި އެހުރިހާ ފަރާތްތަކުން އެކުގައި މަސައްކަތް ނުކުރިނަމަ، ޓާމިނަލް ހުޅުވޭނީ ދޮޅު އަހަރު ފަހުން ކަމަށް ރައީސް ވިދާޅުވިއެވެ.


ކޮމެންޓް