ރާއްޖޭގެ މިނިވަންކަމުގެ ރަމްޒެއް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މީގެ ނުވަ އަހަރު ކުރިން ބިނާކުރަން ފެށި އާ ޓާމިނަލްގެ މަސައްކަތް ނިންމައި 60 ވަނަ މިނިވަން ދުވަހުގެ އުފަލާ އެކު މިރޭ ރަސްމީކޮށް ހުޅުވައި ބޭނުންކުރަން ފަށައިފި އެވެ.
ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބިޔަ އެއް ޕްރޮޖެކްޓުގެ ނިމުން ފާހަގަކުރުމާ އެކު، އެތަން ހުޅުއްވައިދެއްވީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ޑްރޯން ޝޯ އާއި ހަވާ އެރުވުމާ އެކު، ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ޓާމިނަލް ހުޅުވުުގެ ކުރިން ޑްރޯން ޝޯއަކުން ރާއްޖެ އާއި މިނިވަންކަމާ ގުޅޭ އެކި މަންޒަރުތައް ދައްކާލި އެވެ. އަދި މާލެ ވަށައިގެން 19 ދިމާލަކުން ހަވާ އަރުވައި މުޅި އުދަރެސް ކުލަތަކުން ދިއްލައިލި އެވެ.
އެ ޓާމިނަލްގެ މަސައްކަތް ފެށީ 2016 ވަނަ އަހަރު އެވެ. އެ ޓާމިނަަލަށް ވަނީ 457 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ހޭދަކޮށްފަ އެވެ.
އާ ޓާމިނަލްގެ ބޭރުން ފެންނަނީ ރާއްޖޭގެ ތާރީހާއި ސަގާފަތާއި ދީނީ ތަރިކަ ރަމްޒު ކޮށްދޭ ހިރިގަލުގެ ފަންނުވެރި ކެނޑުންތަކުންތަކެވެ. ގާތްގަނޑަކަށް 12 ވަރަކަށް ފޫޓުގެ އެ ޓާމިނަލުން ރާއްޖޭގެ ހިތްގައިމު ކަނޑުގެ މަންޒަރުތަކާއި ގުދުރަތީ ރީތި ރަށްތަކުގެ ނަލަ ކަމާއި ކުލަތައް ފެނެ އެވެ. އެ ޓާމިނަލުގެ ކޮންމެ ސަރަހައްދަކުން ވެސް ފެންނާނީ ވިލު ނޫކުލަ އާއި ރާއްޖޭގެ މޫދާއި ރަށްތަކުގެ މަލަމަތިން ފެންނަ ކުލަތަކެވެ.
ކުރީގެ ޓާމިނަލުގައި އެންމެ ފުރަތަމަ ފުރުމަށް ޓާމިނަލަށް ވަދެގެން އަންނަ އިރު އޭވިއޭޝަން ސެކިއުރިޓީގެ ސްކްރީނިން ހަދަން ޖެހެ އެވެ. ފަސިންޖަރުންނާއި ބެގޭޖު ކްލިއަރެންސް ކުރަން ޖެހެ އެވެ. ނަމަވެސް، އާ ޓާމިނަލްގައި ފުރަތަމަ ދާން ޖެހޭނީ ޗެކިން ކައުންޓަރުތަކަށެވެ. މިއީ ދުނިޔޭގެ އެހެން އެއާޕޯޓުތަކުގައި ވެސް އަމަލުކުރާ ގޮތެވެ.
އާ ޓާމިނަލްގެ ދެވަނަ ފްލޯ ހާއްސަ ކޮށްފައިވަނީ، ސެކިއުރިޓީ ޗެކް ކުރުމާއި އިމިގްރޭޝަން ކައުންޓަރުތަކަށެވެ. އިމިގްރޭޝަނުގެ 38 ކައުންޓަރު ވެސް އާ ޓާމިނަލުގައި ހުންނާނެ އެވެ. އެއީ، އިމިގްރޭޝަން ޕްރޮސެސް ވެސް އިތުރަށް ލުއިވާނެ އެއް ކަމެކެވެ.
އިމިގްރޭޝަން ކްލިއަރެންސްއަށް ފަހު ވަދެވޭނީ ”އިމާސިވް ޓަނަލް“ ގެ ތެރެއިން ޑިއުޓީ ފްރީ ފިހާރަތައް ހުންނަ ސަރަހައްދަށެވެ. ޑިއުޓީ ފްރީއަށް ހާއްސަކޮށް ގާތްގަނޑަކަށް 4،000 އަކަފޫޓުގެ ސަރަހައްދެއް ކަނޑައަޅާފައިވެ އެވެ. އެއާ އެކު، މިހާރު ވެސް ރާއްޖޭގެ ޑިއުޓީ ފްރީން ލިބެން ހުންނަ ފިހާރަތަކުގެ އިތުރަށް، އެންމެ ލަގްޒަރީ ބްރޭންޑުތަކުގެ އިތުރު އުފެއްދުންތައް ބަހައްޓަން ޖާގަ ލިބޭނެ އެވެ.
އާ ޓާމިނަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު، އެ ތަނުގައި 47 ޗެކިން ކައުންޓަރު ހުންނާނެ އެވެ. އަދި ސެލްފް ޗެކިން ހަ ކިއޯސްކް ވަނީ ގާއިމްކޮށްފަ އެވެ. އޭގެ އިތުރަށް ވެސް، ހިދުމަތް ދިނުމުގައި ކުރީގެ ޓާމިނަލަށް ވުރެ 30 ޕަސެންޓަށް ވުރެ އަވަސް ވާނެ އެވެ.
އެ ޓާމިނަލުގައި 12 އޭރޯ ބްރިޖް ހުރެ އެވެ. އެއީ ވެސް ކުރީގެ ޓާމިނަލުން ނުފެންނަ އަދި ރާއްޖެ އަށް މުޅިން އާ ކަމެކެވެ. އެއާ އެކު، ކުރިއާ ހިލާފަށް މާ ފަސޭހައިން ފަސިންޖަރުންނަށް ބޯޓުތަކަށް އެރޭނެ އެވެ.
އާ ޓާމިނަލުން އެންމެ ފުރަތަމަ ހިދުމަތް ދެނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓްތަކަށެވެ. އެ އަށް ފަހު، މަޑުމަޑުން އެހެން އެއާލައިންތަކުގެ ބޯޓުތަކަށް ވެސް ހިދުމަތް ފުޅާ ކުރަމުން ގެންދާނެ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިވަގުތު 34 އަށް އެއާލައިންގެ މަތިންދާބޯޓުތަކަށް ހިދުމަތް ދެ އެވެ. އެމްއޭސީއެލްގެ އަމާޒަކީ އަންނަ ސެޕްޓެމްބަރު މަހާ ހަމައަށް ހުރިހާ އެއާލައިނަކަށް ހިދުމަތް ދެވޭ ވަރުވުމެވެ.
އާންމު ލަގޭޖުތަކަށް ހާއްސަ ފަސް ބެޖޭޖު ބެލްޓްތަކުން އެއް ފަހަރާ 12 މަތިންދާބޯޓަށް ކޭޓާ ކުރެވޭނެ އެވެ. އަދި އޯވަ ސައިޒްޑް ލަގޭޖްތަކަށް ހާއްސަ އޯއޯޖީ ބެލްޓެއް ވެސް އިންސްޓޯލްކޮށްފައިވެ އެވެ. އެއީ އާންމުކޮށް ބޭނުން ކުރާ ލަގޭޖުގެ އިތުރުން ސާފް ބޯޑުފަދަ ތަކެއްޗަށް ހާއްސަ ބެލްޓެވެ. އެ އެއާޕޯޓުގައި ބެގޭޖު ސްކީނުކުރުމަށް އޮޓަމެޓިކް ސިސްޓަމެއް ވެސް ވަނީ ގާއިމްކޮށްފަ އެވެ. އެއީ ވެސް އެޓާމިނަލުގެ ހިދުމަތުގެ ސްޕީޑު އަވަސް ވާނެ އެއް ސަބަބެކެވެ.
އާ ޓާމިނަލާ އެކު އެމްއޭސީއެލްގެ އާމްދަނީ ފުރަތަމަ އަހަރު ވެސް 8-7 ޕަސެންޓަށް އިތުރުވެ، ޖެހިގެން އަންނަ އަހަރު 15 ޕަސެންޓަށް އިތުރުވާނެ ކަމަށް އެކުންފުނިން ލަފާކުރެ އެވެ. އެކަން ހާސިލުކުރަނީ، ޕީކް ވަގުތުގައި އިތުރު އެއާލައިންތަކަށް ފުރުސަތު ދެވި، ޑިއުޓީ ފްރީ ފުޅާކޮށްގެންނެވެ.
ތާރީހީ ކުލަގަދަ ހަފުލާއަކުން ވީއައިއޭގެ އާ ޓާމިނަލް ރައީސް ޑރ. މުއިއްޒު ހުޅުވައިދެއްވައިފި

ކޮމެންޓް